ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވާ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ސިޓީއެއް ހުށަހަޅައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އެ ސިޓީގައި ރިހިބިލިޓޭޝަން ސެންޓަރުގެ މިހާރުގެ ހާލަތާއި އެތަނުގެ ހިންގުން ހުރިގޮތާއި ތަނުގެ ހާލަތާމެދު އެ ސެންޓަރުން ފަރުވާ ހޯދަމުންދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ހާމަކޮށްފައިވާ ކަންބޮޑުވުންތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް އެދިފަ އެވެ.

ކަމާބެހޭ ފަރާތްތަކުން އެތަނުގެ ނިޒާމީ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާ ކަމަށާއި ފަރުވާ ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމާއި، އިންސާނީ ކަރާމާތުގެ އިތުރުން އަލުން މުޖުތަމައަށް ނުކުތުމަށް ކުރާ މަސައްކަތުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ސެންޓަރުގައި ބަލި މީހުން ބޭތިއްބުމަށް އެކަށީގެންވާ ސާފުތާހިރު މާހައުލެއް ނެތްކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯއާ އެކަށީގެންވާ މިންވަރަށް ކައުންސިލަރުންނާއި މެޑިކަލް ސްޓާފުން ތިބިތޯ އަދި ސެންޓަރުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތަކީ ކޮބައިތޯ ކުޑޫ ވަނީ ސުވާލުކުރައްވާފަ އެވެ.

ފަރުވާ ހޯދަމުންދާ މީހުންނަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރާއި، ފާހާނާ އަދި ނިދާ ކޮޓަރިތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތަކީ ކޮބައިތޯ ވެސް ސުވާލުކުރައްވާފައިވެ އެވެ.

އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއް ދިނުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކުގައި ހައްގެއް ކަމުން އެއިން މަހުރޫމު ކުރުމަކީ ފަރުވާގެ ނަތީޖާ ގެއްލި އަލުން މަސްތުވާތަކެތި ބޭނުންކުރަން ފަށާނެ ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެ މައުލޫމާތުތަކަކީ އާންމު މަސްލަހަތާ ގުޅިފައިވާ ކަންކަމަށްވާތީ އަވަސް މުއްދަތެއްގެ ތެރޭގައި މި މައުލޫމާތުތައް ދިނުމަށް ކުޑޫގެ ސިޓީގައި އެދިފައިވެ އެވެ.

މި އަހަރު ޖެނުއަރީގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޝިދު ވިދާޅުވެފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު މިދިޔަ ހުރިހާ ދުވަސްވަރެއްގައި ވެސް "އާންމުންނަށް ނުފެންނަ ހާލަތަކަށް" ވެއްޓިފައިވާ ކަމަށެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ)ގައި އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތުމާއި، ނަފުސާނީ ފަރުވާ ފޯރުކޮށްދޭނެ މީހުންގެ އަދަދު މަދުވުމާއި ފަރުވާދޭ ސެންޓަރުގެ ހާލަތު ރަނގަޅު ނުވުމާއި ފަރުވާދޭ ސެންޓަރުތަކުގައި ޑިމާންޑާ އެއްވަރަށް ޖާގައެއް ނެތް ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.

މި އަހަރު ޖޫން މަހު މިނިސްޓަރު އިހުސާން ވަނީ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ފަށާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އިހުސާން އޭރު ވިދާޅުވީ ހިންމަފުށީގެ ރިހިބިލިޓޭޝަން ސެންޓަރު، 500 މީހުންނަށް އެއް ފަހަރާ ފަރުވާ ދެވޭ ވަރުގެ ތަނަކަށް ހަދައި 18 މަސް ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާނެ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފެންވަރުގެ ތަނަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވި އެވެ.