ގދ. ތިނަދޫގައި ދެ ވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރަން، ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އެ ސިޓީއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، "އާބާދީ 60" ފާހަގަކުރަން ހުރިހާ ރައީސުންނަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން، ނަޝީދާއި، ޔާމީން ތިނަދުއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮޕަރޭޝަނެއް ކުރައްވައިގެން އުޅުއްވާތީ އެ ރަށަށް ވަޑައިނުގަންނަވާނެ އެވެ.

ދެކުނުގެ ތިން އަތޮޅުން އުފެއްދި "ސުވަދީބު ހަރަކާތް" ކޮންޓްރޯލްކުރަން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އޯޑަރަށް ތިނަދޫއިން މީހުން ބާލުވައި ރަށް ފަޅުކުރީ ފެބްރުއަރީ 4، 1962 ގަ އެވެ. ނަމަވެސް، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ތިނަދޫ އަލުން ހަމަޖައްސައި މީހުން ބަދަލުވާން ފެށީ އޭގެ ހަތަރު އަހަރު ފަހުން، އޮގަސްޓު 22، 1966 ގަ އެވެ.

އެ ދުވަހަށް 50 އަހަރު ފުރުން ފާހަގަކުރަން 2016 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތަށް، އޭރުގެ ރައީސް ޔާމީން ތިނަދުއަށް ވަޑައިގެންނެވި އެވެ. 

ސައުދު ވިދާޅުވީ އާބާދުވިތާ 60 އަހަރު ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.