މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގައި ވިޔަފާރި ކުރުމަށް މަސްކައްކައި، ރިހާކުރާއި ހަވާދު ހެދުމުގެ މަސައްކަތް ކުރާ މީހުންނަށް ވަކި ސަރަހައްދެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ދިރާސާ ކުރަން ފަށައިފި އެވެ.

މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު އިސްމާއީލް ހަލީމް ވަނީ ގަލޮޅުގެ ބައެއް ގޭގޭގައި ޒަމާނުއްސުރެ މަސްކައްކައި ރިހާކުރު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވައިފަ އެވެ.

އަދި މިހާރު އެ މަސައްކަތް ކުރަނީ ދެވަނަ ޖީލުގެ މީހުން ކަމަށާއި ސަރަހައްދު ތަރައްގީވެ، ބޮޑެތި އިމާރާތްތައް ހަދަމުންދާއިރު އެފަދަ މަސައްކަތްތަކުގެ ސަބަބުން އާންމުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނި ގޯޅިތަކުގައި ހުންނަ ގެތަކުގައި ދަރު އަންދައިގެންނާއި ދުން އަރުވައިގެން މިފަދަ މަސައްކަތްތައް ކުރުމަކީ މިއަދުގެ މުޖުތަމައުގައި ގަބޫލުކުރެވޭނެ ކަމަކަށް ނުވާތީ، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އެ މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދޭން އޭނާ އެދިވަޑައިގެންނެވި އެވެ.

އެކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި އިންޑަސްޓްރިއަލް ޒޯންތަކެއް ހެދިފައިވިޔަސް، މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރުކާރުން ނަގާފައިވާ ކަމަށެވެ.

ވިލިމާލޭގައި އޮތް ތަން ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރާތީ އެތަނުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށާއި ތިލަފުއްޓަކީ ވެސް މިފަދަ މަސައްކަތްތަކަށް ހާއްސަ ތަނެއްކަން މޭޔަރު ފާހަގަކުރެއްވި އެވެ.

އެ މައްސަލައަށް ހައްލު ހޯދުމަށް އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ދިރާސާކުރުމަށް މިއަދުގެ ޖަލްސާގައި ފާސްކޮށް، ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.