ރާއްޖޭގެ އިންޑަސްޓްރީތަކުގެ ހިޔާލާއި މަޝްވަރާ ސީދާ ގޮތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅޭނެ ނިޒާމެއް ގާއިމްކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންގެ އަޑު"ގެ ނަމުގައި ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވަން ކުރިއަށް ގެންދަވާ ސިލްސިލާގެ މި ހަފުތާގެ އެޕިސޯޑްގައި ޓޫރިޒަމް ދާއިރާގެ މާކެޓިންގައި މަަސައްކަތްކުރާ ޒުވާނަކު ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑު އެއްސެވުމަށް ފަހު، ރައީސް ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތަކާ ބެހޭ ގޮތުން އެ ސިނާއަތުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ސިނާއަތުގެ ކަންބޮޑުވުންތައް އެގޮތުން އަޑުއައްސަވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"[އިންޑަސްޓްރީ] ޑައިވާސިފައި ކުރަން އަޅުގަނޑު ބޮޑަށް ހަމަ ބޭނުންވަނީ ޓޫރިޒަމް ސެކްޓާ ތެރެއިން އިތުރު ގޮފިތައް ފަޅައިގެންދާން، އިތުރު ކުރެވިގެންދާން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކަލްޗަރަލް ޓޫރިޒަމާއި މައިސް ޓޫރިޒަމް އަކީ އެގޮތުން ކުރިއެރުވިދާނެ ދެ ބާވަތެކެވެ.
"އަޅުގަނޑު މިހާރު މި އުޅެނީ އެކި ކަހަލަ ސެކްޓާތަކުގެ ބޭފުޅުންގެ މަޝްވަރާ ހުށަަހެޅޭނެ ކަހަަލަ ސިސްޓަމެއް ގާއިމްކުރަން،" ރައީސް ވިދާޅުވި އެވެ.
ޝާމް ނަމަކަށް ކިޔާ އެ ޒުވާނާ ހުށަހެޅި ފަދަ ބިނާކުރަނިވި ހިޔާލުތައް އެ މަނިކުފާނާ ހަމައަށް ގެނެސް، ކަބާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ ޒުވާނާ ރައީސަށް ހުށަހެޅި އެއް ކަމަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮަތަކަށް ޓޫރިޒަމްގެ އިންޑަސްޓްރީގެ މސައްކަތް ކުރިއަށް ގެންދިއުމެވެ. އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުބޮޑުވުމަކީ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ރައީސަށް ހުށަހެޅި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ހުރިހާ ކަންބޮޑުވުމެއް ވެސް ހައްލުކުރަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.