މި އަހަރުގެ ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަށް ބޭފުޅަކާއި ކުންފުންޏަކަށް ސަރުކާރުން މިއަދު ދީފި އެވެ. 

އެ ބޭފުޅުންނަށް އެ ޝަރަފު ދިނީ ހއ. އުތީމުގައި މިއަދު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން: 

  •  ހައްވާ ލަތީފު، މުޝްތަރީގެ، ގއ. ދާންދޫ (އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ) 
  • މުހައްމަދު ނަސީރު، ދަނބުގެ، ހދ. ވައިކަރަދޫ (ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ)
  •  ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު، ހުޅުމާލެ (ދިވެހި ތާރީހުގެ ދާއިރާ) 
  •  މުހައްމަދު އަހުމަދު، ވިނަރެސް 10 (ސިއްހީ ދާއިރާ)
  • ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާ)
  • އަރުޝަދު އަހުމަދު، ފަހިވާ، ހއ. އުލިގަން (މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ) 
  • އާއިޝަތު ނައުރާ، ހ. ސީޓް (ކުޅިވަރުގެ ދާއިރާ) 
  • އިސްމާއިލް އަބްދުލްޣަފޫރު، ހ. އަރިހިޔާ (ވިޝުއަލް އާޓްސްގެ ދާއިރާ)

މިއަދުގެ ޖަލްސާގައި ވަނީ ހިދުމަތުގެ ގައުމީ އިނާމު ރާއްޖޭގެ މަޝްހޫރު ކޯޗު އަލްމަރުހޫމް އިހްސާން އަބްދުލްޣަނީގެ ހަނދާނަށް ވެސް އަރުވައިފަ އެވެ. 

ގައުމީ އިނާމަކީ ދިވެހި ގައުމަށާއި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކާ ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ތަރައްގީ އަށް ކުރާ މަސައްކަތްތަކުގައި އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.