ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، ދިވެހި އަދަބިއްޔާތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ކަށިމާ އަހުމަދު ޝާކިރަށް މިއަދު އަރުވައިފި އެވެ. 

ހއ. އުތީމުގައި ބޭއްވި ރާއްޖޭގެ މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ކަށިމާ ޝާކިރަށް އެ އިއްޒަތް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

ކަށިމާ ޝާކިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1969 ވަަނަ އަހަރުގަ އެވެ. މެދުނުކެނޑި 41 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތުގެ ހިދުމަތުގައި އުޅުއްވުމަށް ފަހު، 2010 ވަނަ އަހަރުގެ ތެރޭގައި ވަކިވެވަޑައިގެންނެވިއިރު، ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވި އެވެ.

އެ މަގާމުތަކުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ވަކީލު ކަމާއި ޝިޕިން މާސްޓާ ކަމުގެ މަގާމާއި ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި ޑިރެކްޓަ ޖެނެރަލްގެ މަގާމު ހިމެނެ އެވެ. 

އޭގެ ފަހުން ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމާއި އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވި އެވެ. 

ދައުލަތުގެ ހިދުމަތުން ވަކިވެވަޑައިގަތުމަށް ފަހު، 12 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން ކަށިމާ ޝާކިރު ވިލާ ކޮލެޖުގައި ކިޔަވައި ދެއްވައި، ސީނިއާ ކަރިކިއުލަމް ޑިވެލޮޕާއެއްގެ މަގާމުގައި މަސައްކަތް ކުރެއްވި އެވެ. 

ކަށިމާ ޝާކިރު، ސަރުކާރުގެ ޗާޕުޚާނާއިން ފެއްޓެވި ފުރަތަމަ ވަޒީފާއަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ތެރެއަށް ވަދެވަޑައިގަތުމަށް ޝާކިރަށް ހުޅުވުނު ދޮރެކެވެ. އޭގެ ފަހުން، ރާއްޖެއަށް ރޯމަސް ގަންނަން އައި ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަންގެ ހޯކޯމާރޫ 56 އަށް ސަރުކާރުން ފޮނުއްވި ދިވެހި ފަސް އޮފިޝަލުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަތުމުގެ ފުރުސަތު ކަށިމާ ޝާކިރަށް ލިބިވަޑައިގެންނެވިއިރު އެ ފުރުސަތު ވީ، ދިވެހިބަހުގެ އަދަބިއްޔާތުގެ ލިޔުންތެރިކަމާއި ތަރުޖަމާކުރުމާއި ޅެން ހެއްދެވުމުގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި އިތުރު ފުރުސަތަކަށެވެ.

ހޯކޯމާރޫ ބޯޓުގައި ކަނޑުމަތީގައި އުޅުއްވި ދުވަސްވަރު ލިބިވަޑައިގެން ހުސްވަގުތުތަކުގެ ތެރޭގައި ލޯބީގެ ވާހަކައެއް ކަމުގައިވާ "ގިވްމީ ބެކް މައިހާޓް" ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި "އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދޭށެވެ" އެ ތަރުޖަމާ، އެ ދުވަސްވަރު ނެރުނު ދުވަހު ނޫސް "ވިޔަފާރި މިއަދު" ގައި ޝާއިއުކުރެއްވި އެވެ. 

ޓީވީ މޯލްޑިވްސް އުފެދިގެން އައި ދުވަސްވަރު އެ ތަނުގެ ޕްރޮގްރާމު ޕްރޮޑިއުސަރަކަށް ވެސް ކަށިމާ ޝާކިރު އުޅުއްވި އެވެ. އެ ހިސާބުން އޭނާގެ އަދަބީ މަސައްކަތް އަނެއްކާވެސް އިތުރަށް ފުޅާވެ، އާންމުންނަށްވެސް ފެންނަން ފެށި އެވެ. ޓީވީއަށް ޕުރޮގުރާމުތައް ހެދުމާއި ޑޮކިއުމެންޓްރީތަކަށް އަޑު އެޅުމާއި ޓެލެޑްރާމާތަކަށް ސްކްރިޕްޓް ލިޔުއްވުމާއި ވާހަކަ އާއި ސްކްރީންޕްލޭ ލިޔުއްވުމުގެ މަސައްކަތް ފެށްޓެވި އެވެ. 

ކަށިމާ ޝާކިރަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ބާއްވަމު އައި ވާހަކަ ދެއްކުމުގެ މުބާރާތާއި ޅެން ހެދުމުގެ މުބާރާތާއި ޅެން ހުށަހެޅުމުގެ މުބާރާތާއި ފޮތް ލިޔުމުގެ މުބާރާތް ފަދަ މުބާރާތްތަކުން ރަންވަނަތަކެއް ހާސިލު ކުރައްވައިގެން، އޭރުގެ ރައީސް ދެއްވި އެންމެ ގިނަ އިނާމު ހާސިލު ކުރެއްވި ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވުމާއި ތާރީހީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ ޝާކިރު ގެންދަވަނީ، ބޮޑެތި ހިދުމަތްތަކެއް ކުރައްވަމުންނެވެ. ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގެ ފުރަތަމަ 15 އަހަރުގެ ތާރީހު ފޮތްތައް ލިޔުއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި "ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ނަމުގައި 640 ސަފުހާ ހިމެނޭ އެއްގަރުނުގެ ތާރީހު ފޮތާއި މި ސީރީޒްގެ އިތުރު ފަސް ވޮލިއުމް ވެސް ނެރުއްވި އެވެ. 

އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން "އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ފެތުރެމުން އައި ގޮތް" މި ފޮތާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިޔުއްވައި ދެއްވި "ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު" ފޮތާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ލިޔުއްވައި ދެއްވި "ދިވެހިރާއްޖޭގެ ފައިސާގެ ތާރީހު" ފޮތް ހިމެނެ އެވެ.

ކަށިމާ ޝާކިރު ލިޔުއްވި އެހެނިހެން ފޮތްފޮތުގެ ތެރޭގައި އެކިއެކި ބޭބޭފުޅުންގެ ބައޮގްރަފީ ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި މުހައްމަދު އަމީނާއި އިބްރާހީމް ނާސިރާއި އުމަރު ޒާހިރާއި އަބްދުﷲ ސޯދިގާއި ސައިކުރާ އިބްރާހީމް ނައީމް ފަދަ ބޭބޭފުޅުންގެ މައުލޫމާތު ހިމެނޭ ފޮތްތައް ހިމެނެ އެވެ. 

ކަށިމާ ޝާކިރު ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު ކޮށްދެއްވި ހިދުމަތްތަކުގެ އަގު ދައުލަތުން ވަނީ އެކި ފަހަރުމަތިން ފާހަގަކުރައްވައިފަ އެވެ. މިގޮތުން، ތަމްސީލު ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1985 ވަނަ އަހަރު، ދިވެހިރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން 1993 ވަނަ އަހަރު ސަރުކާރުން ބޭއްވެވި އިހުތިފާލުގައި، ނޫސްވެރިކަމަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިހިގަލަން، ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން، ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2002 ވަނަ އަހަރު ލިބިވަޑައިގެންފައި ވެ އެވެ. އަދި ދިވެހި ތާރީހުގެ ދާއިރާއިން ތާރީހާ ބެހޭ ފޮތް އެކުލަވައިލައި ލިޔެ ޝާއިއު ކުރުމުގެ ރޮނގުން 2016 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަދި ދިވެހި ތާރީހަށް ހިދުމަތް ކުރުމުގެ ރޮނގުން ދިވެހިބަހުގެ އެކެޑަމީން ދިން "ހަސަން ތާޖުއްދީންގެ އެވޯޑް" 2017 ވަނަ އަހަރު ލިބިވަޑައިގެންފައި ވެއެވެ.

ކަށިމާ ޝާކިރަކީ، ރައްޔިތުންގެ މަޖިލީހުގެ މާލެ އަތޮޅު މެންބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލެ އަތޮޅު މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ރައީސް މުއިއްޒު އުފައްދަވައިފައިވާ ދިވެހި ގައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީހުގެ އިސްވާރުގެ މަގާމުގައި ވެސް ހުންނެވި ކަށިމާ ޝާކިރަކީ ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަން ވެސް މެ އެވެ.