ގައުމީ ލޯތްބަކީ މަރާލެވޭނެ އެއްޗެއް ނޫންކަން ގައުމީ ބަތޮލުން ސާބިތުކޮށްދީފައިވާ ކަމަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް މިއަދު ލިބިވަޑައިގެންނެވި ދިވެހި ތާރީހުގެ އިލްމުވެރިޔާ ކަށިމާ އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.
ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ކަށިމާ ޝާކިރު ވިދާޅުވީ ދިވެހި ގައުމަށް ފެންބޮވައިގެންފައިވާ މީހުން ވަރަށް ގިނަ ކަމަށާއި ހީލަތްތެރި ރޭވުންތައް ރާވައިގެން ދިވެހި ގައުމު އަޅުވެތިކުރަން މަސައްކަތްކުރި ކޮންމެ ދަނޑިވަޅެއްގައި ދިވެހި ބަތޮލުން ވަނީ ގައުމީ ލޯތްބަކީ މަރާލެވޭނެ އެއްޗެއް ނޫންކަން ސާބިތުކޮށްދެއްވާފައި ކަމަށެވެ.
"ގައުމީ ލޯތްބަކީ އެ އަށް ފުރާނަ އެޅުމުން ދެން ނިދާނެ އެއްޗެއް ނޫން. އެ މަރާލެވޭނެ ވެސް އެއްޗެއް ނޫން. އެކަން ވަނީ އަލިރަސްގެފާނާއި އުތީމު މުހައްމަދު ތަކުރުފާނާއި ދެ ހާޖީންނާއި ދަނޑެހެލާއި އަދި އަޅުގަނޑުމެންގެ ދޮންބަންޑާރައިންނާއި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ގައުމީ ބަތަލޮ ހުސެއިން އާދަމް ވެސް ވަރަށް ރަނގަޅަށް ދައްކުވައި ދެއްވާފައި،" އެ ޖަލްސާގައި ދިވެހި ދައުލަތުގެ އިއްޒަތް ލިބިވަޑައިގެންނެވި ކަށިމާ ޝާކިރު ވިދާޅުވި އެވެ.
މި ސަރަހައްދުގައި 1835 ވަނަ އަހަރާ ހަމައަށް ދަތުރުކުރި ބަޔަކު ލިޔެފައިވާ ރިޕޯޓެއްގެ ދިވެހި ތަރުޖަމާ ހިއްސާކުރައްވަމުން ކަށިމާ ޝާކިރު ވިދާޅުވީ "އަހަރެމެން އެ ގައުމުގެ ހުރަހަށާއި ދިގަށް ދަތުރުކޮށްފީމުއެވެ. އެކަމަކު އެކަކު ވެސް ސަލާން ޖަހަން އުޅޭތީއެއް ނުދެކެމެވެ. އަދި ވައްކަން ކުރަން އުޅޭތީއެއް ވެސް ނުދެކެމެވެ. އެއީ އެ އަށް ވުރެ މާފޯރުންތެރި ބައެކެވެ. އެ މީހުންގެ އެ ހުރި ހިތްވަރާއި އަޒުމު އެގޮތަށް ހުއްޓާ އެ ގައުމު އަހަރެމެންނަށް ހިފިދާނެ ކަމަށް ނުދެކެމެވެ. އަދި އަހަރެމެންގެ ބާރުގެ ދަށަށް ވެސް ގެނެވިދާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވެ އެވެ. އެކަން ކުރެވޭނެ އޮތީ ހަމަ އެއްގޮތެކެވެ. އެއީ އެ ގައުމުގެ މައިކަށި ބިންދާލުން" ކަމަށެވެ.
އޭގައި އެ ބުނާ މައިކައްޓަކީ ގައުމުގެ ދީނާއި ބަހާއި ސަގާފަތާއި އާދަކާދަ ކަމަށް ވިދާޅުވެ ކަށިމާ ޝާކިރު ވިދާޅުވީ އެކަންކަން "މިގުރާލައިގެން" ނޫން ގޮތަކަށް ގައުމެއް ދުވަސްދުއްވާނުލެވޭނެ ކަމަށެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ނުދަންނަވަން އޭގައި ދިވެހިރާއްޖޭގެ ނަން އޮތެކޭ. އެކަމަކު ލިޔެފައި އޮތް މަހްފޫމާއި ލިޔަމުން ގެންދިޔަ އިބާރާތާއި އެ މީހުންގެ ވިސްނުން ހުރި ގޮތަށް ބަލާއިރު އަޅުގަނޑުމެން ކަހަލަ މީހުންނަށް ވެސް އެ ބުނަން އުޅެނީ ކީކޭކަން ވަރަށް ސަރީހަ އިބާރާތުން ފެންނަން އެބައޮތް." ކަށިމާ ޝާކިރު ވިދާޅުވި އެވެ.
އެހެންވެ، ވަތަނީ ދަރިންތަކެއް އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަސައްކަތްޕުޅު ފާހަގަކުރައްވާ ކަށިމާ ޝާކިރު ޝުކުރު އަދާކުރެއްވި އެވެ.
ކަށިމާ ޝާކިރު ވިދާޅުވީ ބަވަނަވަމުން އަންނަ ދުނިޔެއެއްގައި އުޅެމުން އަންނައިރު ދުނިޔޭގެ ހާލަތު އޮތް ގޮތާމެދު ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ދަރިންނަކީ ހަރުދަނާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ނުކުރާހާ ހިނދަކު ހަރުދަނާ އާއިލާއެއް ބިނާ ނުކުރެވޭނެ ކަމަށާއި ހަރުދަނާ އާއިލާއެއް ބިނާ ކުރެވިގެން ނޫން ގޮތަކަށް ހަރުދަނާ ގައުމިއްޔަތެއް ނުވަތަ މުޖުތަމައެއް ވެސް ބިނާ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އެކަމަށްޓަކާ ރައީސް މަސައްކަތްޕުޅު ފައްޓަވާފައިވާކަން ފާހަގަކުރައްވާ ކަށިމާ ޝާކިރު ވިދާޅުވީ އުޅުމާއި ގުޅުމާއި އަހުލާގިއްޔަތާއި ރިވެތި ސުލޫކީ މިންގަނޑުތައް ދަސްކޮށްދިނުމުގެ ގައުމީ މަޝްރޫއުއެއް ފެއްޓެވުމަށް ރައީސް ނިންމަވާފައިވާތީ އެކަމަށްޓަކާ ޝުކުރު އަދާކުރައްވާ ކަމަށެވެ.
ގައުމީ ރޫހު ވަރުގަދަކުރުމުގައި ދެމިތިބުމަށް ނަސޭހަތް ދެއްވަމުން ކަށިމާ ޝާކިރު ވިދާޅުވީ އޭރުން ބޭރު ގައުމުތަކަށް ރާއްޖޭގެ ކަންކަމަށް ބަސްނުކިޔޭނެ ކަމަށެވެ.