މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.
އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2.00ގެ ނިޔަލަށެވެ.
މިއަހަރު އިނާމަށް ނަން ހުށަހެޅޭނީ ހަމައެކަނި ރައީސްގެ އޮފީހުގެ http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
ގައުމީ އިނާމަށް މިއަހަރު ވެސް ހުޅުވާލީ 39 ދާއިރާއަކުންނެވެ.
މި އަހަރުވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުންނާއި ވިޔަފާރިތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އޭގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އިނާމު ދިނުމުގެ އުސޫލު ވެސް މިއަދު ވަނީ ގެޒެޓު ކޮށްފަ އެވެ.
ގައުމީ އިނާމަކީ ގައުމަށް ތަފާތު އެކި ރޮނގުރޮނގުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރަން ދޭ އިނާމެކެވެ.
ރަސްމީ ސިފައެއްގައި ގައުމީ ދުވަސް ފާހަގަކުރާތާ 82 އަހަރުވީ ނަމަވެސް، ގައުމީ އިނާމު ދޭން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި 1979ގަ އެވެ. މިއީ ގައުމީ އިނާމުދެމުން އަންނަތާ 47 ވަނަ އަހަރެވެ.