ރާއްޖޭން އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުކަމަށް ޖަމީލާ އަލީ ހާލިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ހުށަހަޅައިފި އެވެ.
ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން ސަފީރުކަމަށް ޖަމީލާ އައްޔަންކުރަން ފޮނުވި މައްސަލަ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ޖަމީލާ މި ވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމުގަ އެވެ.
އޭނާ ވަނީ ޖަރުމަނުގައި ހުންނަވާ ފުރަތަމަ ދިވެހި ސަފީރުކަން 2017 އިން 2019 އަށް ފުރުއްވައިފަ އެވެ. އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އަދާކުރެއްވި އެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހު ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވުމުންނެވެ.