އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޖަމީލާ އަލީ ހާލިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ. 

ޖަމީލާ އެ މަގާމަށް އައްޔަން ކުރަން ރުހުންދޭން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 56 މެންބަރުންގެ އިއްތިފާގުންނެވެ.

ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ޖަމީލާ މި ވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމުގަ އެވެ. 

އޭނާ ވަނީ ޖަރުމަނުގައި ހުންނަވާ ފުރަތަމަ ދިވެހި ސަފީރުކަން 2017 އިން 2019 އަށް ފުރުއްވައިފަ އެވެ. އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް އަދާކުރެއްވި އެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހު ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވުމުންނެވެ.