ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މުވައްޒަފުން މަދުކުރާނީ އެ މުވައްޒަފަކު ނިސްބަތްވާ ޕާޓީއަކާއި އެ މީހެއްގެ ފިކުރަށް ބެލުމެއް ނެތި ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ކުންފުނިތަކުން ވަކިކުރަނީ ކޮން އުސޫލެއްގެ ދަށުންތޯ ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާތީ މަޖިލީހުގައި ޒަރީރު ވިދާޅުވީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާއިރު ވެސް އެއީ ދިވެހި ރައްޔިތުންކަން ވިސްނައިގެން އެ މީހުންގެ ހައްގުތައް ވެސް ރައްކާތެރިކޮށްދޭން ޖެހޭނެ ކަމަށެވެ. 

"ކުރިން އަޅުގަނޑުމެން ދެންނެވިހެން އެ ބޭފުޅެއްގެ ކުލައަކަށް އެ ބޭފުޅެއްގެ ފިކުރަކަށް އެ ބޭފުޅަކު ކުރާ ކަންތައްތަކަކަށް ބެލުމެއް ނެތި އަޅުގަނޑުމެން ރައިޓް ސައިޒުކުރާނީ. އަދި ރައިޓް ސައިޒުކުރާއިރު އަޅުގަނޑުމެން ވިސްނަންޖެހޭ މިއިން ކޮންމެ ބޭފުޅަކީ ވެސް ދިވެހި ރައްޔިތެއްކަން. ދިވެހި މަންމައެއްކަން، ދިވެހި ބައްޕައެއްކަން، ދިވެހި ދަރިއެއްކަން. އެހެންވީމަ ކުލައަކަށް ބެލުމެއް ނެތި އަޅުގަނޑުމެންގެ ފުރަތަމަ ކަމަކަށް ވާނީ ދިވެހި ރައްޔިތުން ޕްރޮޓެކްޓް ކޮށްދިނުން ދެއްތޯ،" ރައްޔިތުންގެ މަޖިލީހުގައި ޒަރީރު ވިދާޅުވި އެވެ. 

ޒަރީރު ވިދާޅުވީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާއިރު އެކަން ކުރާނެ ގޮތުގެ އިންތިޒާމުތަކެއް ވެސް ރާވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ޒަރީރު ފާހަގަކުރެއްވީ އެ ތަނެއްގައި މުވައްޒަފުން ވަޒީފާ އަދާކުރި މުއްދަތަށް ބަލައި ރިޑަންޑަންސީ ޕެކޭޖުތަކެއް ތައާރަފްކޮށްފައި ވުމެވެ. 

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޒަރީރު ވިދާޅުވި ގޮތުގައި ރައިޓް ސައިޒުކުރުމުގެ މަސައްކަތްކުރާއިރު މުވައްޒަފުން އެއްކޮށް ދޫކޮށްލަން ނިންމާފައެއް ނުވެ އެވެ. އެފަދަ މުވައްޒަފުންނަށް ވެސް ފުރުސަތުތައް ފަހިކޮށްދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ކުމެވި" ގެ ނަމުގައި 600 މިލިއަން ރުފިޔާގެ އެސްއެމްއީ ޑިޖިޓަލް ފަންޑެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ކުދި ވިޔަފާރިތައް ފެށުމަށް އެހީވުމަށް ދޫކުރާ ފައިސާކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމުން އެ ފަންޑުން ފައިސާ ލިބޭނެ ކަމަށް ޒަރީރު ވިދާޅުވި އެވެ.

"އެއްކަމަކީ އަޅުގަނޑމެންގެ ރިޑަންޑަންސީ ޕެކޭޖުގެ ތެރޭގައި އެބަދެން އެ މީހަކު ވަޒީފާ އަދާކުރި މުއްދަތަށް ބަލާފައި، އެ މީހަކަށް އެބަ ދެން ރިޑަންޑަންސީ ޕެކޭޖެއް. އޭގެ އިތުރަށް އަޅުގަނޑުމެން ރައިޓް ސައިޒުކުރަން ނިންމާފައި ވަނީ މީހަކު ދޫކޮށްލާ ގޮތަކަށް ނޫން." 

ޖަލްސާގައި ޒަރީރު ވަނީ އެކި ދުވަސްވަރު ކުންފުނިތަކަށް މީހުން ވައްދާފައިވާ ގޮތުގެ ރިކޯޑުތައް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް ބައްލަވައި އެ ތަފާސްހިސާބުތައް ވެސް އާންމުކުރައްވައިފަ އެވެ. 

ޒަރީރު ވިދާޅުވީ 2018 ވަނަ އަހަރު ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުން ކަމަށެވެ. އެކަމަކު 2019 އިން 2023 ވަނަ އަހަރު އެ އަދަދު 100 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. 

އެ މުއްދަތުގެ ތެރޭގައި 36،729 މުވައްޒަފުން ކުންފުނިތަކުގައި ތިއްބެވެ.

އޭނާ ވިދާޅުވީ 2024 އިން ފެށިގެން މިހާތަނަށް މި ސަރުކާރުގައި ވައްދާފައިވާ 4،938 މުވައްޒަފުންނާ އެކު މިހާރު ތިބި މުވައްޒަފުންގެ އަދަދަކީ 41،667 ކަމަށެވެ.  

ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާ ގޮތަށް ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރަން ބޭނުން ނަމަ، މުވައްޒަފުންގެ އަދަދު މަދުކުރަންޖެހޭ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.