ދައުލަތުގެ ކުންފުނިތައް މާލީ ގޮތުން ހަރުދަނާކުރަން އެ ކުންފުނިތައް "ރައިޓް ސައިޒް" ކުރާއިރު ވަކިވާ މުވައްޒަަފުންނާއި ދައުލަތުގެ ވަޒީފާއަކުން އަމިއްލައަށް ވަކިވެ، އަމިއްލަ މަސައްކަތްތައް ފަށަން ބޭނުންވާ މީހުންނަށް ލޯނުދޭން 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

"ކުމެވި ފަންޑް"ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްގައި ގާއިމުކޮށްފައިވާ އެ ފަންޑަކީ މިނިސްޓަރު ވިދާޅުވި ގޮތޮގައި ވަޒީފާއިން ރިޑަންޑަންޓް ކުރުމުގެ ބަދަލުގައި ކޮންމެ މީހަކަށް ވެސް ގޮތެއް ހޯދައިދޭން ގާއިމްކުރި ފަންޑެކެވެ. އެ ފަންޑުން ލޯނު ހޯދަން ތައްޔާރުކުރަން ޖެހޭ ބިޒްނަސް ޕްރޮޕޯސަލް ބިޒް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައްޔާރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

"ހަސަތޭކަ މިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކުރެވިފައިވާ ވާހަކަ އަޅުގަނޑު ދެންނެވީ އެއީ ކުދި ވިޔަފާރިތަކަށް އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް. އެހެންވީމާ ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކު އަމިއްލަ މަސައްކަތެއް ކުރައްވަން ބޭނުންފުޅުވާ ނަމަ އެކަމަށް ޕްރޮޕޯސަލް ހުށަހެޅީމާ [ލިބޭ ގޮތަށް] އަޅުގަނޑުމެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ފެސިލިޓީ މި ތައާރަފްކުރީ،" ޒަރީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ފެސިލިޓީތައް ދޫކުރަން ބޭނުންވާ އެ ފައިސާއަކީ އެސްއެމްއީ ޑިޖިޓަލްގައި މިހާރު ވެސް ހުރި ފައިސާއެއް ކަމަށާއި ބޭނުމަކީ ވަޒީފާގައި ގެންގުޅުމުގެ ބަދަލުގައި އާމްދަނީ ލިބޭނެ ގޮތެއް ހޯދައިނުން ކަމަށެވެ.

"ރިޑަންޑަންޓް ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ކޮންމެ ބޭފުޅަކަށް ވެސް ގޮތެއް ހޯދައިދޭނީ އިނގޭތޯ، ކާން ދިނުމުގެ ބަދަލުގައި ކެވޭނެ ގޮތެއް ހޯދައިދިނުން އަޅުގަނޑުމެންގެ މި ފަންޑްގެ ބޭނުމަކީ،" ޒަރީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދައުލަތުގެ ކުންފުނިތައް ރައިޓް ސައިޒްކުރަން ޖެހެނީ ރާއްޖޭގެ އިގުތިސާދު އެހެން ހަރުފަތަކަށް ގެންދަން ކަމަށް ވާއިރު އެކަމުގެ ތެރޭގައި ވަޒީފާއިން ދޫކޮށްލާ ކޮންމެ ބޭފުޅަކީ ވެސް  ދިވެހި ދަރިއެއްކަން  ދަންނަން ޖެހެ އެވެ.  ސިޔާސީ ކުލަޔަކަށް ބެލުމެއް ނެތި ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން ދޭން ޖެހޭ ކަމަށާއި ކުންފުނިތައް ރައިޓްސައިޒް ކުރަމުން ދާއިރު ވަކިވާ މީހުންނަށް ގޮތްތަކެއް ހަމަޖައްސައިދޭން އިންތިޒާމެއް ހަމަޖެއްސީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.