އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ތަފްސީލުތައް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވެ، އެ ތަފްސީލުތައް ދެއްވަން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް މިއަދު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކުރިއަށް ގެންދިޔަ ބަޖެޓް ބަހުސްގައި ނާޒިލް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ބަޖެޓް ހުށަހަޅާފައި ވަނީ ހުރިހާ ތަފްސީލަކާ އެކުގައި ކަމަށާއި މި ފަހަރުގެ ބަޖެޓްގައި ތަފްސީލު ނެތް ވާހަކަ ދައްކަވަނީ އެހެންވެ ކަމަށެވެ. އެހެން ވިދާޅުވެ، މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސަރުކާރުން 2005 ވަނަ އަހަރު ހުށަހެޅި ބަޖެޓްގެ ތަފްސީލުތަކާ އެކު ޗާޕް ކޮށްފައިވާ ދެ ފޮތެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބަޖެޓް ފޮތެއް ވެސް އޭނާ ދެއްކެވި އެވެ.
"މިއޮތީ އިއްޒަތްތެރި ރައީސް 2005 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައި އޭރު ފާސްކުރެވުނު ބަޖެޓްގެ ސައިޒް. ހުރިހާ ތަފްސީލެއް [އެބަހުރި]. މިއީ އެންމެ އަހަރެއްގެ ބަޖެޓް، ތަފްސީލާ އެކީގައި އޭރު ފާސްކުރެވިގެން އައި ގޮތް،" އޭރުގެ ބަޖެޓް ފޮތްތައް ދައްކަވާލައްވަމުން ނާޒިލް ވިދާޅުވި އެވެ.
މިހާރު ލިބޭ ބަޖެޓް ފޮތްތަކުގައި އެފަދަ އެއްވެސް ތަފްސީލެއް ނެތް ކަމަށާއި އެހެންވެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާ ގިނަ ސުވާލުތަކެއް ކުރައްވަން ޖެހޭ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
ހޯއްދަވަން އެދިވަޑައިގަންނަވާ ތަފްސީލުތަކުގެ ލިސްޓެއް ވެސް އެއާ އެކު އޭނާ ދެއްވި އެވެ. އެއީ:
- އަންނަ އަހަރު ނަގާ ލޯނުތަކާއި ބޮންޑްތަކުގެ ޝަރުތުތައް
- ދަރަނީގެ ފުރިހަމަ ހިސާބުތައް
- އެމްއެމްއޭއިން ސަރުކާރަށް ދޫކުރި ފައިސާގެ ތަފްސީލު
- އަންނަ އަހަރު ހޯދާ ޑޮމެސްޓިކް ފައިނޭންސިންގެ ތަފްސީލު
- ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ލިސްޓް
- ރަސްމާލެ މަޝްރޫއުގެ އެގްރިމެންޓާއި ލިބޭނެ ފައިސާގެ ތަފްސީލު
- ސަރުކާރުގެ ކުންފުނިތަކަށް ދޫކުރާނެ ލޯނުތަކާއި އެ ލޯނުތަކުން ކުރާނެ މަސައްކަތްތައް
- އާސަންދަ އަށް ގެންނަ ބަދަލުތައް
މި އަަހަރަށް ކަނޑައެޅި ބަުޖެޓުގައި އެކި ކަންތައްތަަކަށް ކަނޑައެޅި ފައިސާ ހުސްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދައްކަވާ ކަމަށާއި އެކަމުގެ ތަފްސީލު ވެސް ދެއްވަން ޖެހޭނެ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.