ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އައި ހަރަދު ވަރަށް ބޮޑަށް ކުޑަކޮށް، މިލިއަނަކަށް ތިިރިކޮށްފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަން ކައުންސިލުން މި އަހަރު 1.1 މިލިއަން ރުފިޔާ ހަރަދުކުރިކަން ހާމަވުމުން އާއްމުންގެ ބޮޑު ފާޑުކިއުމެއް ވަނީ އަމާޒުވެފަ އެވެ.
އެ ފާޑުކިޔުންތަކަށް ރައްދުދެއްވައި އާޒިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ ދެ ބައްދަލުވުމަށް 2،050،520ރ. ހަރަދުވި ކަމަށެވެ.
ނަމަވެސް، އެ ހަރަދު މިހާރު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތުން 2026ގެ ފެބުރުއަރީ ބައްދަލުވުމަށް 567,839.34ރ އަދި ޖުލައި ބައްދަލުވުމަށް ހަރަދުވީ 585,137.34ރ. މި ދެ ބައްދަލުވުމުގެ ހަރަދު ވެސް ވަނީ ކުރިއަށްވުރެ ކުޑަކުރެވިފައި...،" މީޑިއާތަކުން އެ ހަބަރު ގެނައި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އާޒިމް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން މި އަހަރު ބޭއްވި ދެ ބައްދަލުވުމަށް 1.1 މިލިއަން ރުފިޔާ ހަރަދުކުރި މައްސަލަ ތިލަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު ފަރާތަކުން ހޯދި މައުލޫމާތުތަކާ ގުޅިގެންނެވެ.
ކައުންސިލްގެ ދެ ބައްދަލުވުމުގެ ތެރެއިން ވެސް އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ އިވެންޓް މެނޭޖްމަންޓަށެވެ. އެގޮތުން ކޮންމެ ބައްދަލުވުމެއްގެ އިވެންޓް މެނޭޖްކުރުމަށް 360,000 ރުފިޔާ ހަރަދުކޮށްފައިވާ އިރު، ވީޑިއޯ ޕްރެޒެންޓޭޝަން ތައްޔާރުކުރުމަށް ކޮންމެ ފަހަރަކު 1.2 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ބޮޑު ރަސްމިއްޔާތެއް ބާއްވާ ގޮތަށް، ރައްޔިތުންގެ ބައްދަލުވުންތަކަށް ހޯލު ޒީނަތްތެރިކޮށް، އެހާ ބޮޑު ހަރަދެއް ކުރަން ޖެހޭތޯ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ފުރަތަމަ ބައްދަލުވުމުގެ ހަރަދުގެ ތަފްސީލް
- ބެނާ ޕްރިންޓްކުރުން: 30،024ރ.
- ޓީވީ ލައިވް: 34،607ރ.
- ބައްދަލުވުމުގެ އިވެންޓު މެނޭޖްމަންޓް: 360،000ރ.
- ބައްދަލުވުމުގެ ވީޑިއޯ ޕްރެޒެންޝަން: 135،000،ރ.
- ފޮތް ޕްރިންޓުކުރުން: 8،205ރ.
ދެވަނަ ބައްދަލުވުމުގެ ހަރަދުގެ ތަފްސީލް
- ޓީވީ ލައިވް: 34،607ރ.
- ބެނާ ޕްރިންޓުކުރުން: 34،992ރ.
- ފޮޓޯގްރަފަރަކާއި ވީޑިއޯގްރާފަރެއް: 18،000ރ.
- ބެނާ ދެމުމަށް: 5،702ރ.
- ފޮތް ޕްރިންޓުކުރުން: 2،235ރ.
- ބައްދަލުވުމުގެ އިވެންޓު މެނޭޖްމަންޓް: 360،00ރ.
- ބައްދަލުވުމުގެ ވީޑިއޯ ޕްރެޒެންޓޭޝަން: 129،600ރ.
ކައުންސިލުން ކުރާ މަސައްކަތްތަކަށް އާއްމުންގެ ހިޔާލު ހޯދަން ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ދެ ބައްދަލުވުން ބާއްވަ އެވެ. އޭގެ ފުރަތަމަ ބައްދަލުވުން ފެބްރުއަރީ މަހު އަދި ދެވަނަ ބައްދަލުވުން ޖުލައި މަހު ބާއްވަން ޖެހެ އެވެ.