ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ މެދު ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިންގައި ޖަމްއިއްޔާތަކާއި ކުޅިވަރުގެ ދާއިރާގެ ފަރާތްތައް ވެސް ބައިވެރިކޮށް، ކެމްޕެއިން ފުޅާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމީ އެ ކެމްޕެއިން ކުރިއަށް ގެންދިއުމާއި ދުންފަތުގެ އިމްޕޯޓް ޑިއުޓީ ރޭޓްތައް މުރާޖައާ ކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީން ހެދި ދިރާސާތަކަށް ބިނާކޮށްގެން ކަމަށެވެ. އެހެންވެ، ޖަމްއިއްޔާތަކާއި ކުޅިވަރުގެ ދާއިރާގެ ފަރާތްތައް ވެސް ބައިވެރިކޮށްގެން އެ ކެމްޕެއިން ފުޅާކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ވަޒީރުންގެ މަޖިލީހުން ނިންމީ އެ ކެމްޕެއިންގެ ފުރަތަމަ މަރުހަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމްއިއްޔާ އަދި މާލެއިން އެއް ޖަމްއިއްޔާ ބައިވެރިކުރުމަށެވެ. އަދި ރަށްރަށުގައި ތިބޭ ޔޫތު އެސޯސިއޭޓުން ވެސް ކެމްޕެއިންގައި ބައިވެރިކުރުމުގެ އިތުރުން ގައުމީ ޓީމުތަކުގައި ހަރަކާތްތެރިވާ ކުޅުންތެރިންނަކީ ވެސް ދުންފަތާ ދުރުވެފައި ތިބި ބައެއްކަން ކަށަވަރުކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

އެހެންވެ، އެ ކެމްޕެއިން ބައިވެރިވާނޭ ފަރާތްތައް ހެލްތު މިނިސްޓްރީން ކަނޑައަޅަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ދުންފަތާ ދެކޮޅަށް އިއުލާންކޮށްފައިވާ ޖެނެރޭޝަން ބޭން ތަންފީޒު ކުރުމުގައި ސްކޫލް ނިޒާމުގެ ތެރެއިން ތަންފީޒުކުރަންޖެހޭ ކަންކަން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރިއަށް ގެންދަން ވެސް ވަޒީރުންގެ މަޖިލީހުން ނިިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.