ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް ވެސް އަމިއްލަ ބޭނުމަށް ވަކި މިންވަރަށް ދުންފަތުގެ ބާވަތްތައް ގެނެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފްކުރުމުގެ އުސޫލު ކުރިން އޮތްގޮތުން އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް ވަކި މިންވަރަކަށް އެތެރެ ކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ޓޫރިސްޓުންނަށް އެކަންޏެވެ.

ނަމަވެސް އެ އުސޫލަށް ރައީސް އޮފީހުން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން ދިވެހިން ވެސް ހިމެނޭ ގޮތަށް ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން 21 އަހަރު ފުރިފައިވާ މީހުންނަށް އަމިއްލަ ބޭނުމަށް ދުންފަތުގެ ބައެއް ބާވަތްތައް ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ވަކި މިންވަރަށް ގެނެވިދާނެ އެވެ. 

ޑިއުޓީ ނުދައްކާ ދުންފަތް އެތެރެ ކުރެވޭނެ މިންވަރު

- ގިނަވެގެން 200 ސިނގިރޭޓް

- ގިނަވެގެން 20 ސުއްޓާ

- ދުންފަތުގެ އެ ނޫން ބާވަތެއް ނަމަ ގިނަވެގެން 100 ގްރާމް

މީގެ އިތުރުން ދުންފަތް އޮޅުމަށް ބޭނުންކުރާ ތަކެތި ވެސް ވަކި މިންވަރަކަށް ވުރެ އިތުރުނުވާ ގޮތަށް އަމިއްލަ ބޭނުމަށް ޑިއުޓީ ނުދައްކާ އެތެރެ ކުރެވިދާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ. 

އެހެން ނަމަވެސް 2007 ވަނަ އަހަރު އުފަންވެފައިވާ އެއްވެސް މީހަކަށް އެ އުސޫލުގެ ދަށުން ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމުގައި އެއްވެސް ލުޔެއް ނުދެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ޝީޝާ އާއި އީ ސިނގިރެޓާއި އީ ލިކުއިޑާއި ފެލްވާޑް ސިނގިރެޓްގެ ބާވަތްތައް ޑިއުޓީ ނުދައްކާ ނުގެނެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ދުންފަތާ ދެކޮޅަށް މި ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ވަކި ހިސާބަކުން އޭގެ ތެރެއިން ބައެއް ނިންމުންތައް ބަދަލުކުރި އެވެ. އޭގެ ތެރޭގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުން ހިމެނެ އެވެ. 

ރާއްޖެއަކީ ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރި ދުނިޔޭގެ ފުރަތަމަ ގައުމެވެ. އަދި ވޭޕް ފަދަ ތަކެތި ވެސް ރާއްޖޭގައި މިހާރު އޮތީ މަނާކޮށްފަ އެވެ.