އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ގައުމީ ބޭންކް، ބީއެމްއެލް ހަމަޖައްސައިފި އެވެ.

ދެ ދުވަހުގެ އެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހު 30 އިން 31 ގަ އެވެ.

ބީއެމްއެލް އިން ބުނީ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިސީއައިއޭއަކީ އިލްމީ މައުލޫމާތު ބަދަލުކުރުމާއި އިލްމީ ބަހުސްތައް ކުރުމުގެ އިތުރުން ހެކީގެ މައްޗަށް ބިނާކޮށް ކުރެވޭ އަމަލީ މަސައްކަތްތައް ރާއްޖޭގައި އިތުރުކުރުމަށް ފުރުސަތު ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ.

ދިރާސާކުރުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ތައުލީމީ އަދި ދިރާސާގެ ނިޒާމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން އަބަދުވެސް ދެމިއޮންނާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.