އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ 15 ޕަސެންޓަކީ ޑިޖިޓަލް އަދި ކްރިއޭޓިވް އިގްތިސާދު ހިއްސާކުރާ މިންވަރަކަށް ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ މަގުސަދު ހާސިލްކުރަން ތާރީހީ އަދި ސަގާފީ މަސައްކަތްތެރިންނަށް ހާއްސަ މަރުކަޒުތަކާއި، ފަންނުވެރިންނަށް އެ މީހުންގެ މަސައްކަތްތައް ތަރައްގީކޮށް ވިޔަފާރި ފުޅާކުރެވޭނެ ފަދަ ކްރިއޭޓާ ހަބްތައް ގާއިމުކުރާނެ ކަމަށެވެ.
މީގެ އިތުރުން އީޖާދީ އާ ވިސްނުންތަކާއި ފަންނުވެރިކަމަށް ހިތްވަރުދީ، ދިވެހި ވިޔަފާރިތަކާއި އުފެއްދުންތެރިންގެ ހުނަރުތަކާއި އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް 'މޯލްޑިވްސް އެކްސްޕޯ' ފަދަ ގައުމީ މައުރަޒުތައް ބާއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފުރަތަމަ މޯލްޑިވްސް އެކްސްޕޯއަށް ލިބުނު ބޮޑު ތަރުހީބަށް ފަހު، މި އަހަރުގެ އޮކްޓޯބަރު މަހު މުޅި ރާއްޖޭގެ ވިޔަފާރިތަކާއި ފަންނުވެރިން ބައިވެރިވާ މި މައުރަޒުގެ ދެވަނަ އެޑިޝަން ބާއްވަން ނިންމާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެފަދަ ކުންފުނިތަކަށް ބޭނުންވާ އިނާޔަތްތައް ފަހިކޮށްދިނުމަށްޓަކައި، އަންނަ ޖެނުއަރީ މަހުގެ ކުރިން ރާއްޖޭގެ ފުރަތަމަ 'ޓްރޭޑް އެކްސެލެރޭޝަން ޒޯން' ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމާއި މުއާމަލާތްތައް ކުރުމާއި ކަސްޓަމަރުންނާ ހަމައަށް ފަސޭހައިން ވާސިލުވެވޭނެ މަގުތައް ފަހިވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑިޖިޓަލް މާލީ ހިދުމަތްތައް ފުޅާކޮށް، ރާއްޖޭގައި އުފައްދާ ޑިޖިޓަލް ވޮލެޓްތަކާއި، ބީއެމްއެލް ސްވައިޕް ހިމެނޭހެން ޕޭމަންޓް ސޮލިއުޝަންތައް ތައާރަފުކޮށް، ޕޭޕަލް ފަދަ ހިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"މިއީ، އަޅުގަނޑުމެންގެ ފަންނުވެރިންނާއި މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތްތަކެއް،" ރައީސް ވިދާޅުވި އެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، މާލީ އެހީތެރިކަން އަވަސްކަމާއެކު، ޒަމާނީ އަދި ލުއި ފަސޭހަ ގޮތްތަކެއްގެ މަތިން ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން، ރާއްޖޭގެ ޖިއޮގްރަފީ އާއި އާބާދީގެ ކުޑަކަމުން ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ މަގުސަދަކީ ރައީސް ވިދާޅުވި ގޮތުން ސަރުކާރުގެ ހިދުމަތްތަކާއި މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި، ވިޔަފާރިތައް ހަރުދަނާކުރުމުގެ އިތުރުން، ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިން ދުނިޔޭގެ ބާޒާރުތަކާ ގުޅުވައިދިނުމެވެ.
ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ކުރަމުން އަންނަ އާ އިންވެސްޓްމަންޓްތަކުން މިކަމުގެ ގާބިލިއްޔަތުކަން މިހާރު ވެސް ދަނީ ފެންނަމުން ކަމަށާއި ރާއްޖޭގެ ކަނޑުއަޑީގެ ކޭބަލް ވިއުގައަށް ގޫގުލްއިން ކުރި އިންވެސްޓްމަންޓުން ހާމަވަނީ، ބައިނަލްއަގްވާމީ ޓެކްނޮލޮޖީ އެހީގައި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ޖިއޮގްރަފީގެ ހުރަސްތަކުން އަރައިގަނެވޭނެކަން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ބަލާއިރު، ޑިޖިޓަލް ގުޅުންތަކަކީ ހަމައެކަނި މުވާސަލާތީ ކަމެއް ނޫން ކަމަށާއި އެއީ ވިޔަފާރި އާއި މާލީ ހިދުމަތްތަކާއި ފަތުރުވެރިކަމާއި އުފެއްދުންތެރި ސިނާއަތްތަކާއި ތައުލީމާއި އަދި ވަޒީފާގެ އާ ފުރުސަތުތައް ފަހިކޮށްދޭ އިގުތިސޯދީ ބިންގަލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން، އަޅުގަނޑުމެންގެ ކުޑަކަމަކީ ފައިދާއަކަށް ބަދަލުކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި ގުޅުން ބަދަހިކުރުމާއި ޓެކްނޮލޮޖީ ބަދަލުކުރުމަށް ބޮޑެތި ފުރުސަތުތަކެއް އެބަހުރި ކަމަށާއި އެއް ޖަޒީރާ ގައުމެއްގެ ހާލަތަށް އެކަށޭނެ ގޮތަށް ތަރައްގީކުރާ ހައްލުތައް އެހެން ގައުމުތަކުގައި ވެސް ބޭނުންކުރެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީގެ ސަބަބުން، އެއްގޮތް ގޮންޖެހުންތަކެއް ހުރި މާކެޓުތަކުގައި އީޖާދީ ކަންކަން ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ކުދި ޖަޒީރާ ގައުމުތަކަށް، ހާއްސަކޮށް ތިމާވެށީގެ ބަދަލުތަކަށް ހޭނުމަށާއި ވިލުންވެރިކަން އިތުރުކުރުމަށް އިންވެސްޓްމަންޓްތައް ބޭނުންވާކަމަށް ރާއްޖެއިން ދަނީ މެދުނުކެނޑި ވަކާލާތު ކުރަމުން ކަން ރައީސް ފާހަގަކުރެއްވި އެވެ.
"މިއީ އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ދާއިރާތަކެއް. އެހެންކަމުން، އެންމެ ފުރަތަމަ ބާއްވާ 'އައިލެންޑް އިންވެސްޓްމަންޓް ފޯރަމް' ރާއްޖޭގައި ބޭއްވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. ރާއްޖެއަކީ އެކި ސިނާއަތްތަކުން ފެށިގެން އުމްރާނީ ތަރައްގީގެ ދާއިރާއާ ހަމައަށް ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތައް ހުރި ގައުމެއް. މީގެ ފައިދާ ދިވެހި ރައްޔިތުންނަށާއި އިންވެސްޓަރުންނަށް ވެސް ދަނީ ލިބެމުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއާއެކު ކުރިއަށްދިއުމަށް ތައްޔާރަށް ތިބި އިންވެސްޓަރުންނާއި ބައިވެރިންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި އެ ފަރާތްތަކުން ގެންނަ ރައުސްމާލާއި ޓެކްނޮލޮޖީ އާއި ތަޖުރިބާ އަދި މާކެޓުތަކަށް އޮންނަ ފުރުސަތުތަކުގެ ސަބަބުން ރައްޔިތުންނަށާއި އިގްތިސާދަށް ދެމެހެއްޓެނިވި ކުރިއެރުން ލިބިގެންދާނެ އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުތަކުން ވިޔަފާރިވެރިންނަށް ކާމިޔާބީއާ ހަމައަށް ވާސިލްވެވޭނެ ފަހި މާހައުލެއް ބިނާކޮށްދޭންޖެހޭ ކަމަށާއި މާލީ އިދާރާތަކާއި އިންވެސްޓަރުން، ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ނުވަތަ ކެޕިޓަލް ލިބޭނެ މަގުތައް އިތުރަށް ތަނަވަސްކޮށްދޭންޖެހޭ ކަމަށެވެ. އަދި ޓެކްނޮލޮޖީ ކުންފުނިތަކާއި ބައިނަލްއަގުވާމީ ވިޔަފާރިތަކުން އާ މާކެޓްތަކާއި ގުޅުންތައް އުފައްދައިދޭންޖެހެ ކަމަށާއި އިލްމީ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކަކީ ވެސް މި މަސައްކަތުގައި ބޭނުންވާ ތަޖުރިބާއާއި އިލްމާއި އަދި ގުޅުންތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޖަޒީރާތަކަކީ ކުދި ގައުމުތަކަކަށް ވީނަމަވެސް، ވިސްނުންތެރި އިންވެސްޓްމަންޓްތަކާ އެކު، މުޅި ދުނިޔެއަށް ބޭނުންވެފައިވާ އާ ވިސްނުންތަކާއި އީޖާދީ އުފެއްދުންތަކާއި އަދި ވިޔަފާރީގެ އާ ނަމޫނާތައް އުފަންކުރާ ބާރުގަދަ މަރުކަޒުތަކަކަށް މި ގައުމުތައް ބަދަލުކުރެވިދާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން، އެފަދަ އީޖާދީ ވިސްނުންތައް މުޅި ދުނިޔެއާ ހަމައަށް ފޯރުކޮށްދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމާ ހިނގާ."