އައްޑޫ ފޭދޫ ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ކުދިންތަކެއް ކާނާވިހަވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިއަދު ފަރުވާދޭން ފަށައިފި އެވެ. 

މައުލޫމާތު އެނގިވަޑައިގަންނަވާ އިސް އޮފިޝަލަކު ވިދާޅުވީ، ކާނާވިހަވެގެން ޖުމުލަ 24 ދަރިވަރަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެއީ ފޭދޫ ހެލްތު ސެންޓަރުގައި 12 އަދި މަރަދޫ ހެލްތު ސެންޓަރުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ 12 ކުދިންނެވެ. 

"އެ ކުދިންގެ ބަނޑަށް ތަދުވެ، ހޮޑުލައި، ފާހާނާ އަށް ދިއުމުގެ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައި. މިހާރު އެ ތިބީ އޮބްޒަވޭޝަންގައި،" އޮފިޝަލް ވިދާލުވި އެވެ. 

އެޑްމިޓް ކޮށްގެން ފަރުވާދެމުން އައި ނަމަވެސް އެ ކުދިން ކާނާވިހަވީ ކޯޗަކަށް ކަމެއް ނޭނގެ އެވެ. އަދި ކޭމްޕަށް ކެއުން ފޯރުކޮށްދިން ފަރާތުގެ މައުލޫމާތެއް ސާފެއް ނުވި އެވެ. 

މި ފަހަރުގެ ކެޑޭޓް ކޭމްޕުތައް ބައެއް ސްކޫލުތަކުގައި އިއްޔެ ނިންމާލާފައިވާ ނަމަވެސް ގިނަ ސްކޫލުތަކުގައި ކުރިއަށް ގެންދަނީ ތިން ދުވަހަށެވެ. ކޭމްޕުގެ ފަހު ދުވަހަކީ މާދަމާ އެވެ.