ރާއްޖޭގެ ޕާސްޕޯޓް ބުކްލެޓް ލިބުން ލަސްވުމުން މި ވަގުތަށް ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ތެރޭގައި، މުއްދަތު ހަމަވާ ޕާސްޕޯޓަށް މުއްދަތު އިތުރުކޮށްދޭން ހަމަޖައްސާފައި ވާތީ އެކަން ހަމަޖެހޭނީ ކުރިން ވެސް އޮންނަ ގޮތަށް އާ ޕާސްޕޯޓަކަށް އެދި އިމުގަ މެދުވެރިކޮށް ހުށަހެޅުމުން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން ޕާސްޕޯޓު ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައަކާ ހެދި ބުކްލެޓް ފޮނުވުން ލަސްވެ، ބުކްލެޓް މަދުވެފައިވާ ކަމަށެވެ. އެހެންވެ، މިހާރު ހުރި ޕާސްޕޯޓް ސްޓޮކް މެނޭޖްކުރުމަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެސްފަ އެވެ.
އެ ބަދަލުތަކުގެ ތެރޭގައި، ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުއްޓާ ޕާސްޕޯޓް މުއްދަތު ހަމަވާ މީހުންނަށް އާ ޕާސްޕޯޓެއް ހަދައިދިނުމުގެ ބަދަލުގައި މިހާރު ދޫކޮށްފައިވާ ޕާސްޕޯޓްގެ މުއްދަތު އަންނަ އަހަރުގެ ޖޫން 30 އަށް އިތުރުކޮށްދިނުން ހިމެނެ އެވެ.
"ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބޭނެ ކަމަށް ބުނެފައި އޮތީމަ މިހާރު ހުރި ސްޓޮކް އަޅުގަނޑުމެން މެނޭޖްކުރަންވެގެން އެގޮތަށް މި ހަދަނީ. ރިނުއަލްއަށް ލާފައި އަދިވެސް ހުރިވަރަކުން ސްޓޮކް މެނޭޖްކުރަމުން ޕާސްޕޯޓް ދޫކުރަމުން ދާނީ،" އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާސްޕޯޓުގެ މުއްދަތު އިތުރުކުުރުމަށް ޖެހޭނީ އިމުގާ މެދުވެރިކޮށް އާ ޕާސްޕޯޓަކަށް އެޕްލައިކުރާށެވެ. އެގޮތަށް ހުށަހެޅުމުން، އެ މީހަކަށް އިމިގްރޭޝަނުން ގުޅައި އެ އޮފީހަށް ދިއުމުން ޕާސްޕޯޓުގައި ސެކިއުރިޓީ ފީޗާތަކެއް ހިމެނޭ ސްޓޭމްޕެއް ޖަހައިދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މިހާރު ހަމަ ކުރިން ވެސް އެޕްލައިކުރާ ގޮތަށް އެޕްލައި ކުރާނީ. އެމީހާ ދާ ތަނާއި އެއްޗެއް ބަލާފައި ދެވެން އޮތް ޕާސްޕޯޓެއް ދޫކުރާނެ،" އޭނާ ވިދާޅުވި އެވެ.
އަލަށް ޕާސްޕޯޓް ހައްދާ ނަމަ، ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުގެ ތެރެއިން އިންޑިއާ އަދި ސްރީ ލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް ދޫކުރާނީ އިމަޖެންސީ ޕާސްޕޯޓެވެ.
އިމަޖެންސީ ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތް އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ، މެޝިން ރީޑަބަލް 8 ސަފްހާގެ ޕާސްޕޯޓެކެވެ.
މި ވަގުތަށް ހަމަޖައްސާފައިވާ އިންތިޒާމްތަކުގައި، ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުމުގެ ހިދުމަތާއި އިމަޖަންސީ ޕާސްޕޯޓުގެ ހިދުމަތަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައި ނަމަވެސް އެއްވެސް ދިވެއްސަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރައެއް ކުރިމަތިނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. އަދި ޕާސްޕޯޓް ބުކްލެޓްގެ ސްޓޮކް މެނޭޖްކުރެވޭ ގޮތަށް ބަލައިގެން، ހުރި މިންވަރަކުން ޕާސްޕޯޓް ދޫކުރަމުންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.