ރާއްޖެއިން އިނގިރޭސި ވިލާތުގައި ހުންނަވާ ސަފީރުކަމަށް ޖަމީލާ އަލީ ހާލިދު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސަފީރަކަށް ޖަމީލާ އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު އޭނާއާ ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ޖަމީލާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމުގަ އެވެ.
އޭނާ ވަނީ ޖަރުމަނުގައި ހުންނަވާ ފުރަތަމަ ދިވެހި ސަފީރުކަން 2017 އިން 2019 އަށް ފުރުއްވައިފަ އެވެ. އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރެއްވި އެވެ.
އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހު ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވުމުންނެވެ.