ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި ގޭހާއި މައުދަން ހޯދައި ނެގުމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެ ހުށަހެޅުން ހުށަހެޅުއްވީ މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް، އަހުމަދު ޝިޔާމް ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގެ ސަރަހައްދުން ދިރުންނެތް ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފިޝަރީޒް މިނިސްޓްރީ އާއި އިދާރާތަކުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަންކަން ފެށުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ދިރުންނެތް ކަނޑުގެ ގުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން އެ ސިނާއަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ހާއްސަ ބިލެއް ފަރުމާކުރުމަށް ވެސް އެ ޖަލްސާގައި ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ އެ ނިންމުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގްތިސާދީ މުއްސަނދިކަން ދެނެގަތުމަށާއި އެ ވަސީލަތްތަކުގެ ފައިދާ ގައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތެޔޮ ހޯދުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށް މަސައްކަތް ވެސް ކުރި އެވެ.

ޖަރުމަނުގެ ޔުނިވާސިޓީ އޮފް ހެމްބާގްގެ ސައިންސްވެރިން 2014ގައި ރާއްޖޭގައި ކުރި ދިރާސާގެ ނަތީޖާ ހޯދުމަށް ފަހު އޭރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައި ވަނީ ޖިއޮލޮޖިކަލް ސާވޭތަކުން ދައްކާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ ބިމުގެ އަޑިން "ފުލުއިޑެއް ނުވަތަ ގޭސް" އަރާ ކަމުގެ ހެކިތައް ފެނިފައިވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ތެޔޮ ހުރި ކަމަށް ކުރިން ބެލެވުނީ ރާއްޖޭގެ ސަރަހައްދުގެ ބިމުގެ އަޑީގައި މީރު ފެނުގެ ކޯރެއް ހުރިކަން ހާމަވުމުން ކަމަަށް ވެސް ޝައިނީ އޭރު ވިދާޅުވެފައިވެ އެވެ. ތެޔޮ ހޯދަން ނުވަތަ އުފެދެން ބޭނުންވާ ބަޔޮލޮޖިކަލް މާއްދާތައް ހިމެނެނީ އެފަދަ ކޯރުތަކުގައި ކަމަށް ވެސް އޭނާ އޭރު ވިދާޅުވެފައިވެ އެވެ.

ތެޔޮ ހުރި ކަމުގެ ނިޝާންތައް ފެނުމާ ގުޅިގެން އެ މަސައްކަތް އެހެން ހަރުފަތަކަށް ގެންދިއުމަށް ދަތިތަކާ ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ހިލާފަށް ވެއްޓުމާ ގުޅިގެން ކަމަށް ވެސް ޝައިނީ ވަނީ ވިދާޅުވެފަ އެވެ.