ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 އަށް މަދުކޮށް، ކެބިނެޓް މިރޭ އަލުން އެކުލަވާލައިފި އެވެ.
ކެބިނެޓުގެ 10 މިނިސްޓަރަކު މިއަދު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ، ރައީސް އޮފީހުން ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.
އެ މިނިސްޓަރުންގެ އިސްތިއުފާއާ އެކު، ރައީސް މުއިއްޒު މިރޭ ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި އަލުން ކެބިނެޓަށް ވަަޒީރުން އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކު މަގާމުގެ ހުވާ ކުރެއްވި އެވެ.
އޭގެ ތެރޭގައި މި ސަރުކާރުގެ ކެބިނެޓަށް އަލަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެއީ ހެލްތު މިނިސްޓަރަކަށް ގީލާ އަލީ އާއި ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދާއި އެންވަޔަރަމަންޓް މިނިސްޓަރަކަށް އަލީ ޝަރީފްގެ އިތުރުން ފޮރިން މިނިސްޓަރަަކަށް އިރުތިޝާމް އާދަމެވެ.
ކެބިނެޓުގައި ކުރިން ތިއްބަވަނީ 20 މިނިސްޓަރުންނެވެ. އެކަމަކު މިރޭ މަގާމުގެ ހުވާ ކުރެއްވި 12 މިނިސްޓަރުންނާ އެކު އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ހިމެނިވަޑައިގެން މިވަގުތު ތިއްބެވީ ޖުމްލަ 13 ވަޒީރުންނެވެ.
އެނގިފައިވާ ގޮތުގައި ފިޝަރީޒް އާއި އެނިމަލް ވެލްފެއާ މިނިސްޓްރީ އެއްކޮށްލައްވަން ރައީސް ވަނީ ނިންމަަވައިފަ އެވެ. އެހެންކަމުން ޑިފެންސް މިނިސްޓަރާ އެކު ކެބިނެޓުގައި ދެން ތިއްބަވާނީ ޖުމްލަ 15 މިނިސްޓަރުންނެވެ. ޑިފެންސް މިނިސްޓަރަކަށް އަދި ބޭފުޅަކު އައްޔަން ނުކުރައްވަ އެވެ.
މިނިސްޓްރީތަކަށް ގެންނެވި ބަދަލުތަކާއި މިރޭ ހުވާކުރެއްވި ވަޒީރުން
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
- އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
- ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވިއިރު ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން މިދިޔަ ހަފުތާއެއްގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އެވެ.
ކެބިނެޓުން މިއަދު އިސްތިއުފާ ދެއްވި މިނިސްޓަރުން
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
- ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
- އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
- ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.