ކެބިނެޓާ އެކު، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނެވީ، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ރޭ ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ހިންގަމުން އައި 20 މިނިސްޓްރީ، 15 އަށް މަދުކުރައްވައި، ހަތަރު އާ ބޭފުޅުން ވަޒީރުކަމަށް އައްޔަނުކުރައްވައިފަ އެވެ. ކެބިނެޓގެ 10 ބޭފުޅަކު މިދިޔަ ހަފުތަގައި އިސްތިއުފާ ވެސް ދެއްވި އެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުންދު ވަނީ، އިންތިހާބުން ލިބުނު ނަތީޖާ ކޮންމެ ގޮތަކަށް މާނަކުރިޔަސް، ރައްޔިތުންގެ އަޑު އައްސަވައި، ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް އިންތިހާބަށް ރައީސް މުއިއްޒު ވިދާޅުވިކަން ފާހަގަކުރައްވައިފަ އެވެ.

ޔޫއޭއީ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒު މުންދުއަށް އަރުވަނީ. --ފައިލް ފޮޓޯ: ރައީސް އޮފީސް
ޔޫއޭއީ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒު މުންދުއަށް އަރުވަނީ. --ފައިލް ފޮޓޯ: ރައީސް އޮފީސް

"ވަރަށް ހާމަކަން ބޮޑު ގޮތެއްގައި، ވަރަށް ސާފުކޮށް ދަންނަވަންޏާ، މިއީ ހަގީގަތުގައި ވެސް ނިމިގެންދިޔަ އިންތިހާބާ ގުޅިފައި އޮތް ކަމެއް،" ޔޫއޭއީގައި ސަފީރަކަށް ހުންނަވަނިކޮށް، ސަރުކާރު ހިންގުމަށް ގެނައި ބަދަލުގެ ތެރެއިން މިދިޔަ ބުދަ ދުވަހު ސަރުކާރުގެ އިސް ތަރުޖަމާނަކަށް އައްޔަން ކުރެއްވި މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި، މި ބަދަލުތައް ރައީސް ގެންނެވީ، ހަމައެކަނި ބަދަލެއް ގެންނެވުމުގެ ބޭނުންފުޅުގައެއް ނޫނެވެ.

އެގޮތުން، ވަރަށް ވިސްނުންތެރިކަމާ އެކު، މި ބަދަލުތައް ރައީސް މުއިއްޒު ގެންނެވީ، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު އިތުރަށް ހަރުދަނާކުރެވޭނެ ގޮތަށް ކަމަށް މުންދު ވިދާޅުވި އެވެ.

"މިއީ މިއުޒިކަލް ޗެއާއެއް ނޫން. މިއީ އެއް ބޭފުޅަކު ތެދުވެފައި، އަނެއް ބޭފުޅަކު އިށީނީކީ ނޫނޭ. ވަރަށް ދިރާސީ ވިސްނުމަކުން ބަލާލައިފި ނަމަ އެނގިވަޑައިގަންނަވާނެ އޮނިގަނޑަށް ބަދަލެއް އަތުވެއްޖެކަން،" މުންދު ވިދާޅުވި އެވެ.

ބައެއް މިނިސްޓްރީތައް އުވާލައި، އެހެން މިނިސްޓްރީތަކުގެ މަސައްކަތްތައް ބަހައިލައްވާފައިވާކަން އިސް ތަރުޖަމާން ފާހަގަކުރެއްވި އެވެ.

މި ބަދަލުތައް ގެނައީ، އެތަކެއް ސަތޭކަ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ބޭނުމުގައި ކަމަށް ކުރެވޭ ތުހުމަތުތައް ވެސް އޭނާ ދޮގުކުރެއްވި އެވެ.

މުންދު ވިދާޅުވި ގޮތުގައި، ބަދަލު ގެންނެވީ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމަށް ނޫން ކަމަށާއި މިއީ އިންތިހާބުގައި ރައްޔިތުން ދިން މެސެޖު އަޑުއައްސަވައި، ސަރުކާރު ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށް ގެންނެވި ބަދަލެކެވެ.

ކުއްލިއަކަށް ކެބިނެޓަށް ގެންނެވި ބަދަލަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން އިސްވެ އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ވެސް މުންދު ރައްދު ދެއްވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރައީސުން އިންތިހާބު ކުރާއިރު، ހާލަތާ އެކު ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނެވުމަކީ ފާޑުކިޔަންޖެހޭ ކަމެއް ނޫން ކަމަށެވެ.