މިނިސްޓްރީތަކުގެ އަދަދު މަދުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އާ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް، އެކުލަވާލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައި، ބަހުސަށް ހުޅުވާލި ނަމަވެސް އެ ރިޕޯޓަށް ބަހުސް ކުރުމުގެ ފުރުސަތު ބޭނުންކުރެއްވީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އެކަންޏެވެ.
އެހެންވެ، އޭނާގެ ވާހަކަ އަށް ފަހު، އެ ރިޕޯޓްގެ ބަހުސް ނިމިއްޖެ ކަމަށް ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކަނޑައެޅުއްވި އެވެ.
ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން، މެންޑޭޓް ބަދަލުކޮށް، އަލަށް އައްޔަންކުރެއްވި 14 މިނިސްޓަރުންނަށް ރުހުން ދޭން ކޮމިޓީ މަރުހަލާގައި ފާސްކުރީ އެކަމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގައި 14 މިނިސްޓަރުންނަށް ރުހުންދޭން ވަކިވަކިން ނެގި ވޯޓުގައި ހުރިހާ މިނިސްޓަރުންނަށް ވެސް އަޣުލަބިއްޔަތު ލިބިވަޑައިގެންނެވި އިރު ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވޯޓު ދެއްވީ ހުރިހާ މިނިސްޓަރުންނަށް ވެސް ރުހުން ދޭށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައެއް މިނިސްޓަރުންނަށް ރުހުންދިނުމާ އެއްކޮޅަށް ވޯޓުދެއްވި އިރު ބައެއް ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ވެސް ވޯޓުދެއްވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުން ވެސް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދަށެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ކްލައިމެޓް މިނިސްޓަރު އަލީ ޝަރީފަށް ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ފަސް މެންބަރަކު ވޯޓު ދެއްވި އެވެ.
ރައީސް މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި އަލުން އެކުލަވައިލެއްވީ 10 މިނިސްޓަރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.
އެއީ، ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.
އެ މިނިސްޓަރުންގެ އިސްތިއުފާއާ އެކު، ރައީސް މުއިއްޒު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި އަލުން ކެބިނެޓަށް ވަަޒީރުން އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
ކެބިނެޓުގައި ކުރިން ތިއްބަވަނީ 20 މިނިސްޓަރުންނެވެ. އެެހެން ނަމަވެސް 14 މިނިސްޓަރުންނާއި އެޓާނީ ޖެނެރަލާ އެކު ކެބިނެޓްގައި މިހާރު ތިއްބެވީ 15 ބޭފުޅުންނެވެ.
މިނިސްޓްރީތަކަށް ގެންނެވި ބަދަލުތައް
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
- އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
- ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
- ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރަކަށް ހަސަން ރަޝީދު
- ފިޝަރީޒް މިނިސްޓަރަކަށް އަހުމަދު ޝިޔާމް
- ބަންޑާރަ ނައިބު އަހުމަދު އުޝާމް
ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއިރު ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަގާމުން ވަކިކުރެއްވި އެވެ.