މި ސަރުކާރުގައި ކުރިން ވަކިން ހިންގަމުން އައި ފިޝަރީޒް އަދި އެގްރިކަލްޗަރު މިނިސްޓްރީ، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ގެނައި ބަދަލުގެ ދަށުން މިއަދު އެއްކޮށްލައި، އެ ތަން ހިންގުން މިނިސްޓަރު އަހުމަދު ޝިޔާމްއާ ހަވާލުކުރައްވައިފި އެވެ. 

ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުން ރޭގެ ވަގުތެއްގައި ވަނީ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 އަށް މަދުކޮށް، ކެބިނެޓް އަލުން އެކުލަވައިލި އެވެ. އެކަމަކު ރޭ އާ ކެބިނެޓު އެކުލަވާލިއިރު އެގްރިކަލްޗަރު މިނިސްޓަރަކަށް ބޭފުޅަކު އައްޔަނެއް ނުކުރައްވަ އެވެ. 

އެނގިފައިވާ ގޮތުގައި އިއްޔެ ޝިޔާމް ހުންނެވީ މާލެއިން ބޭރުގަ އެވެ. 

އެކަމަކު މާލެ ވަޑައިގެންނެވުމާ އެކު، މިއަދު ހެނދުނު ޝިޔާމް ވަނީ ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރުގެ މަގާމުގެ ހުވާކުރައްވައިފަ އެވެ. އެގްރިކަލްޗާ މިނިސްޓްރީ، ފިޝަރީޒާ އެއްކޮށްލި ނަމަވެސް އެނިމަލް ވެލްފެއާގެ ބައި ވަނީ އުވާލައިފަ އެވެ. އެ ބައި އުވާލިއިރު ބުޅާ ފެސިލިޓީގެ ހިންގުން ހަވާލުކޮށްފައި އޮތީ އެ މިނިސްޓްރީއާ އެވެ.

މިނިސްޓަރު ޝިޔާމްގެ ދަށުން އެގްރިކަލްޗާ މިނިސްޓްރީ ހިންގުން ބަދަލުކުރިއިރު ކުރިން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ކަމުގައި ހުންނެވީ ޑރ. މަރިޔަމް މާރިޔާ އެވެ. އިއްޔެ އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރޭގައި މާރިޔާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އަލަށް އެކުލަވާލެއްވި މިނިސްޓްރީޓްރީތަކާއި އެ ތަންތަނަށް އައްޔަންކުރެއްވި މިނިސްޓަރުން

  • ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
  • ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
  • ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް 
  • ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
  • އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
  • އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
  • އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް 
  • ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
  • އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
  • ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
  • ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރަކަށް އަހުމަދު ޝިޔާމް

ކެބިނެޓަށް އަލަށް ގެނައި ބަދަލުގެ ދަށުން މިހާރު މަގާމު ހުސްކޮށް އޮތީ ޑިފެންސް މިނިސޓްރީގެ އެކަންޏެވެ. އެ މިނިސްޓްރީގެ އާ މިނިސްޓަރު ހުވާކުރައްވާނެ އިރެއް ސަރުކާރުން އަދި ނުބުނެ އެވެ. 

ބަންޑާރަ ނައިބު ހިމަނައިގެން، މި ސަރުކާރުގައި މިހާރު ހިންގާނީ 15 މިނިސްޓްރީ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ކުރިން އެއީ 20 މިނިސްޓްރީ އެވެ.