އާބާދީ ކުދި ރަށްރަށުގެ ކައުންސިލް އިދާރާއަށް އެ ރަށަކުން މުވައްޒަފުން ނުލިބޭ ހާލަތުގައި، އެ އަތޮޅުގެ އެހެން ރަށްރަށުން މުވައްޒަފުން ނަގައި އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލަށް ނުކުމެ ވަޒީފާ އަދާކުރެވޭ ގޮތް ހަދައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިދިޔަ މަހުގެ 24 ގައި ވަނީ "އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި ވަޒީފާތަކަށް މީހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ނެރެފަ އެވެ.
އެ އުސޫލުގެ ދަށުން މުވައްޒަފުން ނެގޭނީ ކައުންސިލް އިދާރާތަކުގެ އޮނިގަނޑުގައި ހިމެނޭ އިދާރީ ވަޒީފާތަކަށެވެ.
އެ އުސޫލުގައިވާ ގޮތުން މުވައްޒަފުން ހޯދަން އިއުލާންކުރަން ވާނީ އެ އަތޮޅުގެ ހުރިހާ ރަށެއްގެ މީހުންނަށް ވެސް ކުރުމަތިލެވޭ ގޮތަށެވެ. އަދި އެ މީހާ ދިރިއުޅެނީ އެ އަތޮޅުގައި ކަމަށް ވާން ޖެހެ އެވެ.
ވަޒީފާ ހަމަޖައްސާ މީހުންނަށް، އެ މީހަކު ދިރިއުޅޭ ރަށުގެ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ވަޒީފާއަދާކުރުމުގެ ފުރުސަތު ފަހިކޮށްދޭންވާނެ ކަމަށާއި އަދި ވަޒީފާއަށް މީހަކު ނެގުމުގެ މަރުހަލާތަކުގައި އެ ފުރުސަތު ހަމަޖެހިފައިވާކަން ކަށަވަރުކުރަންވާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
ސީއެސްސީން ކަނޑައަޅާފައި ވަނީ ކުދި ރަށްރަށަށް ހާއްސަކޮށްފައިވާ އުސޫލުގެ ދަށުން ވަޒީފާ ދީފައިވާ މުވައްޒަފުގެ މަސައްކަތް މޮނިޓާކޮށް ބަލަހައްޓާނީ، އެ މުވައްޒަފު ހާޒިރުވާ އޮފީހުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހާ ކަމަށެވެ.
ނަމަވެސް އެ މުވައްޒަފަށް މުސާރަ ދޭން ޖެހޭނީ، އެ އުސޫލުގައި ވާ ގޮތުން، އެ މީހެއްގެ ވަޒީފާ އޮތް ކައުންސިލަކުންނެވެ.