ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައިވާ ފަރުބަދަތަކުގެ މަތިން ގްލޭސިއާއެއް (ބިޔަ ގަނޑުފެންގަނޑެއް) ކަނޑައިގެން ވެއްޓި އުފެދުނު ކުއްލި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކާ ގުޅިގެން އެ ގައުމަށް އެހީވުމަށް ހިންގާ ޑިޒާސްޓާ ރިލީފް ފަންޑަށް ރާއްޖެ އިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
ރައިސް އޮފީހުން މިއަދު ބުނީ މިދިޔަ އޮގަސްޓު 26 ގައި ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގެ "ޕްރައިމް މިނިސްޓާ ޑިޒާސްޓާ ރިލީފް ފަންޑު" އަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެއީ ސަރަހައްދީ އެއްބައިވަންތަކަމަށް ރާއްޖެ އިން ދޭ އިސްކަމާއި ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ގައުމުން އަނެއް ގައުމަށް ހަމްދަރުދީއާ އެކު، އެހީތެރިވެ، އެ ގައުމާ އެކު ރާއްޖެ އިން ދެމިއޮންނާނެކަން ރަމްޒުކޮށްދޭ ކަމެކެވެ.
ނޭޕާލަށް ކުރިމަތިވި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ނޭޕާލް ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައި އެ އުނދަގޫ ދަނޑިވަަޅުގައި ނޭޕާލާ އެކު ރައްޖެ އޮތްކަން ހާމަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ އާއި ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ވަނަ އަހަރު އެވެ. އޭރުއްސުރެ ދެ ގައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް އެކުވެރި ގުޅުމެއް ކަމަށާއި ރާއްޖެ އަބަދުވެސް އޮންނާނީ އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބޭނުންޖެހޭ ވަގުތުތަކުގައި ސަރަހައްދީ ގައުމުތަކަށް އެއްބާރުލުންދީ، އެހީތެރިކަން ދިނުމުގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ނޭޕާލަށް މި ފަހުން ކުރިމަތިވި ހާދިސާގައި މަރުވި މީހުންގެ އަދަދު 1،114 އަށް މިހާރު ވަނީ އަރައިފަ އެވެ. މީގެ އިތުރުން ބޯޑަރުގެ އަނެއް ފަރާތުން، ޗައިނާ އިން ވެސް 16 މީހަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައި ކަމަށް ޗައިނާ އިން ބުނެފައިވެ އެވެ.
އެ ހާދިސާގައި މަރުވި މީހުންގެ އަދަދު ހާހަކަށް ވުރެ އިތުރުވެފައި ވާއިރު ނޭޕާލުން އަދިވެސް 4،462 މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުގެ 583 ޓޫރިސްޓުން ހިމެނެ އެވެ.
ތްރިޝޫލީ ކޯރު ކައިރީގައި ހުރި ހައިޑްރޯޕަވަ ޕްރޮޖެކްޓްތަކުގެ ތެރޭގައި 500 އާއި 600 އާ ދެމެދުގެ އަދަދަކަށް މީހުން ތާށިވެފައި ތިބި ކަމަށް ބެލެވޭތީ، ސަލާމަތްކުރާ ފަރާތްތަކުން ދަނީ އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ނޭޕާލްގެ ފޮރިން މިނިސްޓަރު ޝިޝީރު ޚާނާލް ވިދާޅުވެފައިވާ ގޮތުގައި އެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަންނަން "އެތައް ބިލިއަން ޑޮލަރެއް" ހޭދަވުން އެކަށީގެންވެ އެވެ.
އދ. އިން ބުނެފައިވާ ގޮތުގައި ނޭޕާލުގައި މި ވަގުތު 65،000 އަށް ވުރެ ގިނަ މީހުން ތިބީ ސާފު ބޯފެނާއި ސާފުތާހިރުކަމަށް ބޭނުންވާ އަަސާސީ ވަސީލަތްތަކަށް ބޭނުންޖެހިފަ އެވެ.
މި ހާދިސާގެ ތެރޭގައި މިހާތަނަށް 12،000 އެއްހާ މީހުން ސަލާމަތް ކޮށްފައިވާއިރު، މަގުތައް ހަލާކުވުމުގެ ސަބަބުން ވަނީ އެހީ ފޯރުކޮށްދިނުމަށް ދަތިވެފަ އެވެ.