ސަރުކާރުގެ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، އެސްއޯއީތައް ރައިޓް ސައިޒް ކުރަން ފަށައި ތިން މަސް ތެރޭ 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ހަތަރު ފަންތިއެއްގެ މަގާމުތަކުގައި ތިބި ޖުމްލަ 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ.
މަގާމުން ވަކިކުރީ މުންދު ވިދާޅުވި ގޮތުގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި ޕޮލިޓިކަލް ޑިރެކްޓަރުންގެ މަގާމުގައި ތިއްބެވި ބޭފުޅުންނެވެ.
ސިޔާސީ މުވައްޒަފުން ވަޒީފާ އިން ވަކިކުރުން އަދި ނުނިމޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ސިޔާސީ މުވައްޒަފުން ވަކިކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް މި މަސައްކަތުގެ ތެރެއިން 205 މުވައްޒަފަކު ވަކިކޮށްފައި މިވަނީ. އޭގެތެރޭގައި ސްޓޭޓް މިނިސްޓަ، ޑެޕިއުޓީ މިނިސްޓަ، ސީނިއަ ޕޮލިޓިކަލް ޑައިރެކްޓަ އަދި ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމުގައި ތިއްބެވި މުވައްޒަފުންގެ ތެރެއިން 205 މުވައްޒަފުން ވަކިކުރެވިއްޖެ. އަދި ނުނިމޭ މަސައްކަތެއް. އެހެންވީމަ ކުރިއަށް އޮތް ތަނުގައި މިއަދަދަށް ބަދަލު އަތުވެދާނެ،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ އެސްއޯއީތަކެއް ރައިޓްސައިޒުކޮށް ނިމޭ އިރު މި ސަރުކާރުން ވަޒީފާތަކަށްލީ މީހުންގެ އަދަދަށް ވުރެ ބޮޑު އަދަދެއް އުނިވެގެން ދާނެ ކަމަށެވެ.