ސިޔާސީ ގޮތުން ހުންނަވަން ރަނގަޅީ ކޮން ބަޔަކާ އެކުގައި ކަން ކަނޑައަޅުއްވަން ފަޅު ރަށެއްގައި ގިނިކަންޏާ އިންވައިގެން ވިސްނާ ވަޑައިގަންނަވަން އެދޭ ކަަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ރައްދު ދެއްވައިފި އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ މެމްބަރުންނަށް ނިސްބަތްކުރައްވައި ޔާމީން ދައްކަވާ ވާހަކަތަކާ ގުޅިގެން ފަލާހު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް ހިންގާނެ އެންމެ ފުރިހަމައަށް ޕީއެންސީ ހިންގާތީ އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް ތިބީ ހިތްހަމަޖެހިގެން ކަމަށެވެ. އެހެންވެ ޔާމީނާ ޖަދަލުކުރަން އެ ޕާޓީން ނޫޅޭ ކަމަށް ފަލާހް ވިދާޅުވި އެވެ.

"އަަޅުގަނޑުމެން ނެތިން ޔާމިނަކާ ޖަދަލުކުރާކަށް. ޔާމީނު، އަޅުގަނޑު އެދެނީ ޖަމީލާ މަލީހާ ދެ ބޭފުޅުން ނުލާ ކޮންމެވެސް ގޮތަކުން ފަޅުރަށަކަށް ވަޑައިގަންނަވަން. ދެތިން ދުވަސްވަންދެން އެކަނި ތަނެއްގައި އިނދެގެން ވިސްނާލަން،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީނު ވިސްނާ ވަޑައިގަންނަވަންވީ ކުރިއަށް އޮތް ތަނުގައި ފައިދާ ބޮޑުވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ.މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުންތޯ ނުވަތަ އެމްޑީޕީ ވެރިކަމަށް އައިސްގެންތޯ އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަގަހަ ޖަލްސާގައި އެޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޕީއެންސީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަގަހަ ޖަލްސާގައި އެޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޕީއެންސީ

"ދެގޮތެއް އޮތީ، އެއް ގޮތަކީ ގޭގައި އިންނަވަންތޯ ބޭނުންފުޅުވަނީ، ނޫނީ ބޭނުންވަނީ މާފުއްޓަށް ކުރީގައި އޮތް ތަނަށް ވަޑައިގަންނަވަންތޯ. އަޅުގަނޑަކަށް ހިއެއްނުވޭ ބޭނުންފުޅުވާނެ ހެނެއް މާފުއްޓަށް އެނބުރި ވަޑައިގަންނަވާކަށް،" ފަލާހު ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތްކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކްރިމިނަލްކޯޓުން އޭރު ކުރި ހުކުމެއް ތަންފީޒުކުރައްވަން ޔާމީނު މާފުށީ ޖަލުގައި ހުންނެވި ހުންނެވުމަށެވެ. އެމަނިކުފާނު މިނިވަންވީ ހައިކޯޓުން އެ ހުުކުމް ބާތިލުކުރުމުންނެވެ.

"އާއްމުކޮށް އެމްޑީޕީން އައިސްފި ކަމަށް ވަންޏާ އެތަން ވެސް [މާފުށި ޖަލުގައި ކުރީގެ ރައީސުންނަށް ހާއްސަކޮށްފައި ހުންނަ ބައި] އެ ތައްޔާރުކުރަނީ ޔާމީނު ގެންދަން ވަރަށް އުނދަގޫ ތަނެއްގެ ގޮތުގައި،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ޖަލުގެ އެބައި ބަލަަހައްޓަނީ ވަރަށް ރަނގަޅަށެވެ. 

ރޭގެ ޖަލްސާގައި ފަލާހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބޮޑެތި ތުުހުމަތުތައް ވެސް އެމަނިކުފާނަށް ކުރެއްވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ، ޔާމީން ތަކުރާރުކޮށް ދައްކަވާ ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ފަހުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޕީއެންސީގެ މިރޭގެ ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ "ރައްޔިތުންގެ މަޖިލީހަކީ ކުއްތާ ކޮށްޓެއް" ކަމަށް ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ސިފަކުރެއްވުމުން ފެންނަނީ އެ މަނިކުފާނުގެ ބޮޑާކަން ކަމަށެވެ.

ޔާމީންގެ ވެރިކަން ނިމުނީ، ބޮޑާކަމާއި ނުލަފާކަމާ އެކު އަނިޔާވެރިވެ ގާނޫނާ ޚިލާފު އަމަލުތައް ހިންގެވުމުން ކަމަށް ވެސް އަބްދުއްރަހީމް ތުހުމަތުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން ޕީއެންސީ އޮތީ ބަދަހިކޮށް ކަމަށާއި ޔާމީނަށް އެ ޕާޓީ ތެރޭގައި ބައިބައިވުން ނުއުފެއްދޭނެ ކަަމަށް ވެސް ވިދާޅުވި އެވެ.