ބޭރުފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކުރި ބިލާ ރިސޯޓްތަކުން ދެކޮޅު ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވައިލެއްވުމުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ރުޅިވެރިކަމާ އެކު މިއަދު ރައްދު ދެއްވައިފި އެވެ.
ޔާމީންގެ ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ 40 ޕަސެންޓް ޑޮލަރު މާރުކުރަން ލާޒިމުކުރުމަކީ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް ބުނަންވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްްރީ (މަޓީ) އިން އެކަނި ނޫން ކަމަށެވެ. އެ ބަދަލުގެ ސަަބަބުން އެންމެ ފުރަތަމަ ދަތިވާނީ ޓޫރިޒަމް އިންޑަސްޓްރީ އަށް ކަމަށާއި އެގޮތް ގަބޫލުނުކުރާ ކަމަށް ހުރިހާ ރިސޯޓަކުން ބުނަން ކެރެން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ ޔާމީންގެ އެ ގޮވައިލެއްވުމަކީ "ކުށަކަށް ދައުވަތު ދިނުން" ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނަކާ ހިލާފުވާން ވިދާޅުވުން ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.
ޔާމީން އެ މޭޭރުމުން ވާހަކަފުޅު ދެއްކެވުމުން ޔާމީންގެ "ދަހިވެތިކަމާއި ހަސަދަވެރިކަން" ހާމަވާ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.
"...އަދި ފަހަކަށް އައިސް އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީން ކުރަމުންދާ މަސައްކަތުން ހާމަވަނީ ޔާމީން ދައްކާ ވާހަކަ އާއި އަމަލާ ދިމާނުވާ މިންވަރު. މިއަދު ވެސް ޔާމީން ފަދަ ހާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަ ހުރި އެކަމާ ގައުމު ވެސް ލަދުވެތިވާ ކަމެއް،" ފަލާހް ވިދާޅުވި އެވެ.
"ޔާމީން ދައުލަތުން ވަގަށް ނަގާފައިވާ އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ހޯދިއްޖެ ނަމަ މިހާރުން މިހާރަށް ޑޮލަރުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ."
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރަން ސަރުކާރުގެ ފަރާތުުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަަކަށް މާރުކުރަން ޖެހޭނެ އެވެ.
ބިލްގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކޮށްގެން ކަމަށެވެ.
މުނައްވަރު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެމްއެމްއޭ އަށް މިދިޔަ މަހުގެ ނިޔަލަށް މާރުކުރި ޑޮލަރުގެ ތެރެއިން 56 ޕަސެންޓު ބޭނުންކޮށްފައި ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށް ކަމަށެވެ.
ގާނޫނަށް މި ބަދަލު ގެންނަން ފާސްކުރީ ރިސޯޓުތަކުން ދޭ ހިދުމަތްތަކާއި އެހެން ކަންކަމަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނެފައި ވަނިކޮށެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.
ބައެއް ރިސޯޓު އޮޕަރޭޓަރުން ގާނޫނާ ހިލާފު މުއާމަލާތްތައްކޮށް، ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ތަހުގީގަކަށް ފަހު ތުހުމަތު ކޮށްފައި ވިޔަސް، މަޓީން ބުނީ އެފަދަ ކަމެއްގެ މައުލޫމާތު އެ ޖަމިއްޔާ އަށް ލިބިފައި ނުވާ ކަމަށެވެ. އެ ހުރިހާ ރިސޯޓު އޮޕަރޭޓަރުން ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަބަދުވެސް އެ ޖަމިއްޔާ އިން އިލްތިމާސްކުރާ ކަމަށް މަޓީން ބުންޏެވެ.