މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް، އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އާއްމުކުރަން ނިންމައި މިއަދު ދެ ތަނެއްގެ ނަން އާއްމުކޮށްފި އެވެ.
އެމްއެމްއޭ އިން އާންމުކުރި ލިސްޓްގައިވާ ގޮތުން ބޭރު ފައިސާ ގާނޫނާ އެއްގޮތަށް ޑޮލަރު މާރުނުކުރަނީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް އެވެ.
ލ. އަތޮޅުގައި 2019 ގައި ހުޅުވި ރަހާ ރިސޯޓް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)ގެ ހިއްސާ އޮންނަ ހެވީ ލޯޑް މޯލްޑިވްސް އިންނެވެ. އައްޑޫ، މީދޫ ކައިރީގައި އޮންނަ ސައުތު ޕާމްގެ ހިއްސާދާރުންނަކީ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު މޫސާ ދީދީ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ފަހު ފުރުސަތު ދޭކަމަށް ވެސް ބުންޏެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ގިނަ ރިސޯޓުތަކުން އަންނަނީ ގާނޫނާ އެއްގޮތަށް ބޭރުފައިސާ މާރުކުރަމުންނެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާގޮތުން 78 ޕަސެންޓް ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް ކުރިއަށް ނުގެންދަނީ 20 ޕަސެންޓް ރިސޯޓުން ކަމަށް ރިޕޯޓުގައި ވެ އެވެ.
މި 20 ޕަސެންޓް ތެރެއިން ގިނަ ރިސޯޓްތަކުން އެކި ސަބަބުތަކާ ގުޅިގެން ކޮންސެޝަނެއް ދިނުމަށް އެދިފައިވީ ނަމަވެސް އެ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ.
މަރުކަޒީ ބޭންކުން އާއްމުކުރި ރިޕޯޓުގެ ކެޓަގަރީ ބީ އަށް ބަލާއިރު އެ ކެޓަގަރީގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް އެސްޓެބްލިޝްމަންޓުގެ ތެރެއިން 48 ޕަސެންޓް ތަންތަނުން ފައިސާ މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި މާރުކުރުން ކުރިއަށް ނުގެންދަނީ 15 ޕަސެންޓް ފަރާތްތަކެވެ. އަދި 37 ޕަސެންޓް ތަންތަނުން އެއްވެސް ގޮތަކަށް ޑޮލަރު މާރުކޮށްފައިނުވާކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ތަންތަނަކީ ޖުމްލަ ގޮތެއްގައި މެދު ފަންތީގެ ވިޔަފާރިތަކަށް ވުމާއެކު މި ފަރާތްތަކަށް ގާނޫނުގެ ތެރެއިން އިތުރު ފުރުސަތުދީ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށްޓަކައި އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކާއި ހޯމްސްޓޭ ފަދަ ތަންތަނެވެ.
ކެޓަގަރީ ސީގައި ހިމެނެނީ އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކެވެ.
މި ކެޓަގަރީގައި ހިމެނޭ ތަންތަނުގެ ތެރެއިން 38 ޕަސެންޓް ތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެ އެވެ. އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުން ކުރިއަށް ނުގެންދަނީ 33 ޕަސެންޓް ވިޔަފާރިންނެވެ.
މި ކެޓަގަރީގައި ހިމެނޭ 29 ޕަސެންޓް ތަންތަނުން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައިނުވެ އެވެ. މި ވިޔަފާރިތަކުން ވެސް ވަނީ ކޮންސެޝަން ހޯދުމަށް އެދިފައިވެ އެވެ. އެހެންނަމަވެސް މި ވިޔަފާރިތަކަށް ވެސް ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ 90 ޕަސެންޓް ނަގަނީ އެމްއެމްއޭ އަށެވެ. މީގެ ތެރެއިން 30 ޕަސެންޓް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރެ އެވެ. އަދި މިގޮތަށް ދޫކުރުމުގައި އިސްކަންދެނީ ދިވެހި ބޭންކްތަކަށެވެ.
ބޭންކުތަކަށް އަނބުރާ ދެވޭ މި 30 ޕަސެންޓް ބޭނުންކުރަން ޖެހޭ ވަކި ކަންތައްތަކެއް ވެސް ހުރެ އެވެ. އޭގެތެރޭގައި އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރުން ހިމެނެ އެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެވެ އެވެ.