ގިނަ އަދަދެއްގެ ގެސްޓް ހައުސްތަކުން ގާނޫނާ އެއްގޮތަށް ޑޮލަރު މާރު ނުކުރާ ކަމަށާއި ތިން ރިސޯޓަކުން އެއްވެސް ގޮތަކަށް ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން މީޑިއާތަކަށް އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން 70-100 ޕަސެންޓް ރިސޯޓުން  66 ޕަސެންޓް ކޮމްޕްލަޔަންސް ނުވަތަ ޑޮލަރު މާރުކުރުމުގެ ޒިންމާ އަދާކުރެ އެވެ. 

ޑޮލަރު މާރު ނުކުރަނީ ތިން ރިސޯޓަކުން ކަމަށް ވެސް އެ މައުލޫމާތުގައިވެ އެވެ. އެ ތިން ރިސޯޓު ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

އެމްއެމްއޭއިން މިހާރު ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައި ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުން އުވާލުމަށް ނިންމައިފަ އެވެ.

ގެސްޓް ހައުސްތަކުގެ ތެރެއިން މިހާތަނަށް ބޭންކުތަކަށް، ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރުން ފުރިހަމަކުރަނީ ގާތްގަނޑަކަށް 40 ޕަސެންޓު ގެސްޓް ހައުސް އިންނެވެ. ރާއްޖޭގައި 940 އަށް ވުރެ ގިނަ ގެސްޓްހައުސް ހިންގަ އެވެ. އެހެންވެ، މިހާތަނަށް ބޭންކުތަކަށް ޑޮލަރު މާރުކުރަމުން އަންނަނީ 370 ވަރަކަށް ގެސްޓްހައުސް އިންނެވެ. ބާކީ 560 ގެސްޓްހައުސްތަކުން ގާނޫނަށް ފުރިހަމައަށް އަމަލެއް ނުކުރެ އެވެ. 

ރިސޯޓުތަކުން މާލީ ހިސާބުތަކާއި އާމްދަނީގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓާތީ، އެތަންތަނާ މުއާމަލާތް ކުރުމަށް މާބޮޑު ދަތިތަކެއް ނެތް ނަމަވެސް، ގެސްޓްހައުސްތަކާ މިކަމުގައި މުއާމަލާތް ކުރުމުގައި ދަތިތައް އެބަ ހުރި ކަމަށް އެމްއެމްއޭއިން ފާހަގަކުރެ އެވެ. އެހެންވެ، މިކަމުގައި ގެސްޓްހައުސްތައް ހޭލުންތެރިކޮށް، މި ނިޒާމުތެރެއަށް ވެއްދުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ތެރެއިން މިދިޔަ އަހަރުގެ މިހާތަނަށް ބޭންކްތަކަށް 400 މިލިއަން ޑޮލަރު މާރުކުރި އިރު މިއަހަރުގެ މިހާތަމަށް މާރުކޮށްފައިވަނީ 390 މިލިއަން ޑޮލަރެވެ. ޑޮލަރު މާރުކުރި މިންވަރު ދަށްވީ، މެދުއިރުމަތީގެ ހަނގުރާމައާ ހެދި، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުންނެވެ.

އެމްއެމްއޭގެ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އޭގެ ކުރިން އޮކްޓޫބަރު 2024 އިން ފެށިގެން އެމްއެމްއޭގެ ގަވައިދެއްގެ ތެރެއިން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ދިޔައީ ޑޮލަރު މާރުކުރަމުންނެވެ.