ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޑޮލަރު އާމްދަނީ މާރުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ހަނދާންކޮށްދީފި އެވެ.
އެމްއެމްއޭގެ ނޫސްބަޔާނެއްގައި ވަނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން މާރުކުރުމުގެ އިލްތިޒާމު، ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް އަދާކުރަމުން ގެންދިއުމަށް ހަނދާންކޮށްދޭ ކަމަށެވެ.
ބޭރު ފައިސާއިން އެ މަހަކު ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އެމްއެމްއޭ އިން ބުނީ ސުންގަޑި ހަމަވާއިރު ވެސް، ގާނޫނާ އެއްގޮތަށް މާރުކުރުމުގެ އިންތިޒާމު ފުރިހަމަ ނުކުރާ ފަރާތެއްވާ ނަމަ އެ ފަރާތްތަކުގެ ނަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އާންމުކުރާނެ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިދިޔަ އޯގަސްޓް މަހު ގެނައި އިސްލާހާ އެކު، ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހެ އެވެ. އެ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ގެސްޓްހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭނީ ހަމަ ކުރިން ވެސް އެ ގާނޫނުގައި އޮތް ގޮތަށް ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ޓޫރިޒަމްގެ ސިނާއަތުން މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ރާއްޖެއަށް ލިބުނެވެ. ނަމަވެސް، އޭގެ ތެރެއިން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަދެފައިވާ ކަމަށް އަންދާޒާކުރެވެނީ 3.8 ބިލިއަން ޑޮލަރެވެ. އަދި، އެ 3.8 ބިލިއަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަނީ އެންމެ 21 ޕަސެންޓެވެ.
ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރިސޯޓުތަކުން ރާއްޖޭގެ ބޭންކުތަކަށް މާރުކުރަނީ އެންމެ 10 ޕަސެންޓު ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.