ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރު ކުރިޔަސް އެއްވެސް ދައްޗެއް ނުވާނެ ކަމަށާއި ރިސޯޓު މުވައްޒަފުންނަށް މުސާރަ ވެސް ޑޮލަރުން ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އާ އިސްލާހާއި ފާސްކޮށްފައިވާ އިތުރު ބިލުތައް ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ހުރިހާ ބިލެއް ތަސްދީގުކޮށް އަމަލުކުރަން ފެށުމާ އެކު އާންމުންނަށް އެތައް ފަސޭހައެއް ލިބޭނެ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭނެ އެވެ. ނަމަވެސް، ގެސްޓްހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭނީ ހަމަ ކުރިން ވެސް އެ ގާނޫނުގައި އޮތް ގޮތަށް ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސެންޓެވެ.
ރައީސް ވިދާޅުވީ މި އިސްލާހާ އެކު މަރުކަޒީ ބޭންކް އެމްއެެމްއޭއަށް ލިބޭ ބޭރު ފައިސާގެ އަދަދު އިތުރުވެ، އަސާސީ ކަންކަމަށް ހަރަދުތައް ކުރަން ފަސޭހަވާނެ ކަމަށެވެ. އެ ފައިސާ ބޭނުންކުރާނީ ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ފައިސާ ދެއްކުމަށާއި ވިޔަފާރިތަކުން ޓީޓީ ކުރުން ކަހަލަ އަސާސީ ބޭނުންތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ޓޫރިޒަމް ވިޔަފާރިން ރާއްޖެއަށް މިދިޔަ އަހަރު ލިބިފައިވާ ޑޮލަރުގެ އާމްދަނީގެ ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި؛
- ޓޫރިޒަމްގެ ސިނާއަތުން މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބުނު. ނަމަވެސް، އޭގެ ތެރެއިން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަދެފައިވާ ކަމަށް އަންދާޒާކުރެވެނީ 3.8 ބިލިއަން ޑޮލަރު.
- މި 3.8 ބިލިއަން ޑޮލަރުގެ ތެރެއިން ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަނީ އެންމެ 21 ޕަސެންޓު.
- ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރިސޯޓުތަކަށް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަނީ އެންމެ 10 ޕަސެންޓު.
"ރިސޯޓު ވިޔަފާރިވެރިންނަށް އެއްވެސް ދައްޗެއް ނުވާނެ"
ރައީސް ވިދާޅުވީ ބޭރު ފައިސާ އިން ލިބޭ އާމްދަނީ މާރުކުރަން ޖެހޭ އަދަދު 20 ޕަސެންޓު 40 ޕަސެންޓަށް ބޮޑުކުރުމުން ބައެއް ރިސޯޓު ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ ވަރަށް ރަނގަޅަށް ދިރާސާކުުރުމަށް ފަހުގައި ކަމަށެވެ.
"މިއީ ހަމަ ތިބެފައި ކުރި ކަމެއް ނޫން. މިކަމުގެ އިލްމީ، ފަންނީ، ގާބިލު ފަރާތްތައް މިކަމުގައި ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ. އެމްއެމްއޭ، ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީން، ކަމާބެހޭ ހުރިހާ މިނިސްޓްރީތަކުން. މިކަމުގައި މަސައްކަތް ކޮށްފައި ވަނީ ހިސާބުކިތާބު ބަލައިފައި. ސްޓެޓިސްޓިކަލް މައުލޫމާތު އެއްކޮށްގެން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާލަން، ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެކަން އަޅުގަނޑުމެންނަށް ޔަގީންކަމާ އެކީގައި އެނގޭ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނޫނިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސްތަކަށް [ހިންގުމުގެ ހަރަދުތަކަށް] އެއްވެސް ދައްޗެއް ނުވާނެ 40 ޕަސެންޓު މާރުކޮށްގެން. އެއީ ޔަގީން ކަމެއް."
ރައީސް ވިދާޅުވީ ކަޅު ބާޒާރުގައި ބޮޑު އަގުގައި ބަޔަކު ޑޮލަރު މާރުކުރާކަން އެނގެން އެބައޮތް ކަމަށާއި އެކަން ކުރާނީ ބޭރު ފައިސާ ދަތިކަމެއް ނެތި ލިބޭތީ ކަމަށެވެ. އަދި އެހެން ނޫނަސް، ރިސޯޓުތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމުން އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަން ތަފާހިސާބުތަކުން ފެންނަ އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރިސޯޓު މުވައްޒަފުން ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އެ މުވައްޒަފުންގެ ދައްކާ ވާހަކަތަކަށް ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން ދެމުން އަންނަ މުސާރަ ހުއްޓާލައިގެން ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރިސޯޓުތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދީފައި، ލޯނުތައް ވެސް ދައްކާފައި، އަދި ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށް ފަހުގައި "މާ ފަސޭހައިން" ވެސް 40 ޕަސެންޓު މާރުކުރެވޭނެ ކަމަށެވެ. އެހެންވެ، ހުރިހާ ރިސޯޓަކުން ވެސް ގާނޫނަށް ތަބާވެ، އާންމުންގެ ހެވާލާބަޔަށް ކުރާ މި ކަހަލަ ކަންކަމުގައި ގައުމީ ޒިންމާ އަދާކުރުމަށް ރައީސް ގޮވާލެއްވި އެވެ.
ރިސޯޓު މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ ރާއްޖޭގައި ޑޮލަރުގެ ތާށިކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ދިވެހި ފައިސާގެ ޑިމާންޑް މަތިކުރުމަށް މުސާރަތައް ވެސް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށާއި 2030 ވަނަ އަހަރުގެ ނިޔަލަށް އެ ބަދަލުތައް ގެންނަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވުމުންނެވެ.