މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން އެކުލަވައިލި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ އާ ގަވާއިދަށް ރަސްމީކޮށް އަމަލުކުރަން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ވިޔަފާރި ބޭންކުތައް އިސްތިސްނާކޮށްފައިވާ މި ގަވާއިދު ހިނގާނީ ވިޔަފާރީގެ ގޮތުގައި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެކަންޏެވެ.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފައިސާ މާރުކުރާ ފަރާތްތަކަށް އެއް މުއާމަލާތަކުން ނުވަތަ އެއް ދުވަހެއްގެ ތެރޭގައި އެއް ކަސްޓަމަރަކާއެކު ނަގުދު ފައިސާއިން ކުރެވޭނެ އެންމެ މަތީ އަދަދަކީ 50,000ރ. ނުވަތަ އެ އަދަދާ އެއްވަރުގެ ބޭރު ފައިސާ އެވެ.

މި އަދަދަށް ވުރެ އިތުރުވާ މުއާމަލާތްތައް ކުރަން ވާނީ ގަވާއިދުގައިވާ ގޮތުން، ރަޖިސްޓަރީ ކޮށްފައިވާ އެ ވިޔަފާރިއެއްގެ ޕްރައިމަރީ ބޭންކު އެކައުންޓު މެދުވެރިކޮށެވެ. މީގެ އިތުރުން، ދުވަހުގެ ވިޔަފާރި ނިމޭއިރު، ހުންނަ އިތުރު ބޭރު ފައިސާ، ވިދިގެން އަންނަ ރަސްމީ ދުވަހު ބޭންކު އެކައުންޓަށް ޖަމާކުރުން މި ގަވާއިދުގެ ދަށުން ލާޒިމުވެ އެވެ.

އާ ގަވާއިދުގެ ދަށުން، މަނީ ޗޭންޖިން ވިޔަފާރި ވަނީ ހަމައެކަނި 100 ޕަސެންޓު ދިވެހި ކުންފުނިތަކަށް ހާއްސަކޮށްފަ އެވެ.

މިގޮތުން، އާންމުންނަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހިދުމަތް (ކެޓަގަރީ-އޭ) ދިނުމުގެ ލައިސަންސް ދޫކުރެވޭނީ ހަމައެކަނި މި ވިޔަފާރިއަށް ހާއްސަކޮށްފައިވާ އަދި ކުންފުނީގެ މަންފާ ލިބޭ ހަގީގީ ވެރިޔަކީ ދިވެހި ރައްޔިތަކަށްވާ ކުންފުނިތަކަށެވެ.

އަދި ކޯޕަރޭޓް ގްރޫޕަކަށް ދޫކުރެވޭނީ އެންމެ ލައިސަންސެކެވެ. މީގެ އިތުރުން، ޓޫރިޒަމްގެ ހިދުމަތްދޭ ރިސޯޓުތަކަށް އެ ތަންތަނުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކުމުގެ ހާއްސަ އިހުތިޔާރެއް ލިބިގެންވެ އެވެ.

ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ލައިސަންސް ލިބޭ ކޮންމެ ފަރާތަކުން ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި 200,000 ޑޮލަރު އެމްއެމްއޭގައި ބަހައްޓަންޖެހެ އެވެ. އަދި ވިޔަފާރި ހިންގާ މައި ތަނުގެ އިތުރުން، ހިދުމަތްދޭ ކޮންމެ ގޮތްޕަކަށް 100,000 ޑޮލަރު ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަންޖެހޭނެ އެވެ.

ލައިސަންސަށް އެދި ހުށަހަޅާ ފީއަކަށް 40,000ރ. ކަނޑައަޅާފައިވާއިރު،  ލައިސަންސް އާކުރުމުގެ ފީއަކީ 20,000ރ. އަދި އަހަރީ ފީގެ ގޮތުގައި 48,000ރ. ދައްކަންޖެހެ އެވެ.

އާ ގަވާއިދުގައިވާ ގޮތުން، ހިދުމަތްދޭ ތަނަކީ އޮފީސް މާހައުލެއްގައި ގާއިމުކޮށްފައިވާ، ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސިއްރުވެރިކަން ކަށަވަރުކުރެވޭ ފަދަ ހާއްސަ ކައުންޓަރެއް ހުންނަ ތަނަކަށް ވާންޖެހެ އެވެ. މީގެ އިތުރުން، އާންމުންނަށް ސާފުކޮށް ފެންނާނެހެން ބަހައްޓާފައިވާ ޑިޖިޓަލް ބޯޑެއް މެދުވެރިކޮށް ފައިސާ މާރުކުރާ ރޭޓުތައް ފެންނަން ހުރުން ވަނީ ލާޒިމުކޮށްފަ އެވެ.

މީގެ އިތުރުން، ކޮންމެ މުއާމަލާތަކަށް ކަސްޓަމަރަށް ރަސްމީ ރަސީދެއް ދޫކުރަންޖެހޭއިރު، މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުންތަކާއި ރެކޯޑުތައް މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓަންޖެހޭ ކަމަށް ގަވާއިދުގައި ވެ އެވެ.

އަދި މުއާމަލާތްތައް ވަގުތުން މޮނިޓާކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކޮށް، އޮޑިޓް ކޮށްފައިވާ އަހަރީ މާލީ ހިސާބުތައް ގަވާއިދުން އެމްއެމްއޭއަށް ހުށަހަޅަންޖެހެ އެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާއި ލައިސަންސް ނެތި ނުވަތަ ގާނޫނާ ހިލާފަށް މި ވިޔަފާރި ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން، 10,000ރ. އިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވެ އެވެ.

މީގެ އިތުރުން، 90 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް މެދުކަނޑައިލުމާއި ޖިނާއީ ތަހުގީގަކަށް މައްސަލަ ފޮނުވުމުގެ އިހްތިޔާރު ވެސް އެމްއެމްއޭއަށް ލިބިދީފައިވެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ކުރީގެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ވިޔަފާރިކުރަމުން އަންނަ ފަރާތްތަކަށް، މި އާ ގަވާއިދުގެ ދަށުން ލައިސަންސް ނެގުމަށާއި އާ ޝަރުތުތައް ފުރިހަމަކުރުމަށް މުއްދަތެއް ލިބޭނެ އެވެ.

ނަމަވެސް، ކުރީގެ ގަވާއިދުގެ ދަށުން "ޓިއާ 2" ގެ ލައިސަންސަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ބާތިލުކޮށް، އެ ފަރާތްތަކުން ދައްކާފައިވާ އެޕްލިކޭޝަން ފީ އަނބުރާ ދިނުމަށް އެމްއެމްއޭއިން ވަނީ ނިންމައިފަ އެވެ.

އަދި "ޓިއާ 1"އަށް ހުށަހަޅާފައިވާ ފަރާތްތަކަށް އިތުރު ފީއަކާ ނުލައި އާ ގަވާއިދުގެ ދަށުން އެޕްލިކޭޝަން ކުރިއަށް ގެންދިއުމުގެ ފުރުސަތު އެމްއެމްއޭއިން ވަނީ ފަހިކޮށްދީފަ އެވެ.

ރާއްޖޭގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ބޮޑުވެ، މި ފަހުން މަނީ އެކްސްޗޭންޖަރުންތަކެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފަ އެވެ. 

އަދި މަނީ އެކްސްޗޭންޖަރުންގެ މަސައްކަތްތައް މޮނީޓާކޮށް އަދި ރިޕޯޓް ކުރެވޭނެ ޒަމާނީ ސިސްޓަމެއް ވެސް އެމްއެމްއޭއިން ވަނީ ތައާރަފްކޮށްފަ އެވެ.