މަނީ އެކްސްޗޭންޖަރުންގެ މަސައްކަތްތައް މޮނީޓާކޮށް އަދި ރިޕޯޓް ކުރެވޭނެ ޒަމާނީ ސިސްޓަމެއް މިއަދު އިފުތިތާހު ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފި އެވެ.
އެ އިދާރާއިން ނިންމާފައިވާ ގޮތުން، މަނީ އެކްސްޗޭންޖް ލައިސަންސް ދޫކޮށްފައިވާ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް، ރިޕޯޓް ކުރުމަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ޖެހޭނީ އާ ސިސްޓަމެވެ.
ޑޮލަރުގެ މުއާމަލާތްތައް ހިންގުމަށް އެމްއެމްއޭއިން ހުއްދަ ދީފައިވާ ތަންތަނުން ވެސް ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ތައާރަފުކުރި "މަނީ ޗޭންޖާ ސިސްޓަމް" އަކީ އެ ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލް ކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަަށް އެމްއެމްއޭއިން ބުންޏެވެ.
އެ އިދާރާއިން ބުނި ގޮތުގައި އޭގެ ސަބަބުން، މަނީ އެކްސްޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީ ކުރެވޭނެ އެވެ.
"މި ސިސްޓަމްގެ ސަބަބުން، އިދާރީ މަސައްކަތްތައް އޮޓޮމޭޓް ކުރެވި، އެމްއެމްއޭ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ، ފަސޭހަކަމާއެކު ކުރެވިގެންދާނެ އެވެ،" އެމްއެމްއޭއިން މީޑިއާއާ ހިއްސާކުރި ލިޔުމުގައި ވެ އެވެ.
އޭގެ އިތުރުން ބޭރު ފައިސާ މާރުކުރުމާ ގުޅޭ މުއާމަލާތްތައް ރިކޯޑް ކުރުމަށާއި ރިޕޯޓް ކުރުމަށް ވެސް ފަސޭހަވާނެ ކަމަށް ބުންޏެވެ.
ގަވާއިދުން އެމްއެމްއޭއަށް ފޮނުވަންޖެހޭ މައުލޫމާތުތައް އެ ސިސްޓަމް މެދުވެރިކޮށް، ހިއްސާކުރުމުގެ އިތުރުން، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް ވެސް ހުށަހެޅޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.
އޭގެ ނަތީޖާއަކީ މަނީ އެކްސްޗޭންޖިންގެ ވިޔަފާރީގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި، މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
"މަނީ ޗޭންޖާ ސިސްޓަމް" އިފްތިތާހު ކޮށްދެއްވީ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ އެވެ.
ރާއްޖޭގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ބޮޑުވެ، މި ފަހުން ވެސް މަނީ އެކްސްޗޭންޖަރުންތަކެއްގެ ލައިސަންސް ވެސް އެމްއެމްއޭއިން ބާތިލްކޮށްފަ އެވެ.