ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުރިހާ ފަރާތްތަކަކުން ވެސް އަމަލުކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު އިލްތިމާސް ކޮށްފި އެވެ.

އެ އިދާރާ އިން މީޑިއާގައި ބުނީ، ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަން ވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންކަން ބޭރު ފައިސާއާބެހޭ ގާނޫނާއި މަނީ ޗޭޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި އޮތަސް ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ މުއާމަލާތްތައް ކުރަމުންދާކަން ފާހަގަވާ ކަމަށެވެ.

"އަދި މިކަމަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކުށެއް ކަމަށް ވާތީ، އެއްވެސް ފަރާތަކުން އެމްއެމްއޭގެ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ އެކު މިފަދަ މުއާމަލާތް ނުކުރުމަށް ވާނީ އިލްތިމާސްކޮށްފަ އެވެ،" އެމްއެމްއޭ އިން ލިޔުމުން މީޑިއާއާ ހިއްސާކުރި ލިޔުމުގައި ވެ އެވެ.

އެހެންވެ، މަރުކަޒީ ބޭންކުން އެދުނީ އެއްވެސް ފަރާތަކުން ބޭރުފައިސާ މާރުކުރުމުގެ މުއާމަލާތެއް ބޭންކެއް ފިޔަވައި، އެހެން ފަރާތަކާ އެކު ކުރާ ނަމަ އެއީ ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްކަން ކަށަވަރުކޮށް، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެކަންކަން ކުރުމަށެވެ. 

ގާނޫނާއި ގަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތްކުރި މަނީ ޗޭންޖަރެއްގެ ލައިސަންސް ވެސް އެމްއެމްއޭ އިން ދާދި ފަހުން ވަނީ ބާތިލްކޮށްފަ އެވެ. 

ފުލުހުން މިއަދު ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ގާއިމްކުރި ހޮޓްލައިން މެދުވެރިކޮށް 27 މީހަކާއި 16 އޮންލައިން ޕޯޓަލް އަދި ހަތަރު ތަނެއްގެ މައުލޫމާތު މިހާތަނަށް ލިބިފައިވާ ކަމަށެެވެ. އޭގެ ތެރެއިން އެކަކު ހައްޔަރުކޮށް އެހެން މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ވެ އެވެ.

ހޮޓްލައިން މެދުވެރިކޮށް 65 މެސެޖެއް ލިބުނު އިރު އޭގެ ތެރޭގައި ބޭރުފައިސާގެ ވިޔަފާރިކުރާ 27 ބިދޭސީއަކާއި ހުއްދަ ނެތި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ 18 ތަނަކާއި ބޮޑު އަގުގައި ބޭރުފައިސާ ގަނެ ވިއްކާ ހަތަރު ތަނެެއްގެ މައުލޫމާތު ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެފަދަ މުއާމަލާތްތައްކުރާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ވެސް ހޮޓްލައިން މެދުވެރިކޮށް ފުލުހުންނަށް ލިބުނެވެ.

ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބޭރުފައިސާ މާރުކުރާ ފަރާތްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ދާދި ފަހުން ފަށައިފަ އެވެ.