ރާއްޖޭގައި ގަވައިދާހިލާފަށް ބޭރުފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ގާއިމްކުރި ހޮޓްލައިން މެދުވެރިކޮށް 27 މީހަކާއި 16 އޮންލައިން ޕޯޓަލް އަދި ހަތަރު ތަނެއްގެ މައުލޫމާތު މިހާތަނަށް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ހައްޔަރުކޮށް އެހެން މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ހޮޓްލައިން މެދުވެރިކޮށް 65 މެސެޖެއް ލިބުނު އިރު އޭގެ ތެރޭގައި ބޭރުފައިސާގެ ވިޔަފާރިކުރާ 27 ބިދޭސީއަކާއި ހުއްދަނެތި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ 18 ތަނަކާއި ބޮޑު އަގުގައި ބޭރުފައިސާ ގަނެ ވިއްކާ ހަތަރު ތަނެެއްގެ މައުލޫމާތު ހިމެނޭ ކަމަށެވެ. އެފަދަ މުއާމަލާތްތައްކުރާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ވެސް ހޮޓްލައިން މެދުވެރިކޮށް ފުލުހުންނަށް ލިބުނެވެ.
"... މި މައުލޫމާތާ ގުޅިގެން މިހާތަނަށް އެޅުނު ފިޔަވަޅުތަކުގެ ތެރެއިން ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ރިޕޯޓްކޮށްފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތާއި ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ، " ފުލުހުންގެ ބަޔާނުަގައި ބުންޏެވެ.
އާއްމު މަސްލަހަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެހީތެެރިކަމާއި އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރުއަދާކުރާ ކަަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ގަވައިދާ ހިލާފަށް ބޭރުފައިސާގެ ވިޔަފާރިކުރާ މީހުން ހޯދަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަން ފެށީ އެފަދަ މުއާމަލާތްތައް ހުއްޓުވަން ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ބޭރުފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފެށުމާ އެކުގަ އެވެ.
ޑޮލަރުގެ ވަގު ވިޔަފާރީގައި އުޅޭ ކަމުގެ ތުހުމަތަށް ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފައި ވާއިރު މި މަހުގެ 1 ވަނަ ދުވަހު ވަނީ މަނީ އެކްސްޗޭންޖު ވިޔަފާރި ހިންގުމުގެ ހުއްދަ ނެތި އެ ވިޔަފާރިކުރާ ކުންފުންޏެއްގެ އޮފީހަށް ފުލުހުން ވަދެ ރެއިޑް ވެސް ކޮށްފަ އެވެ. މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާ ކަމަށް ތުހުމަތުގައި ފުލުހުން ވަނީ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ގެ އޮފީހަށެވެ.
ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ ރ. އަތޮޅުގައި އޮންނަ ފުރަވެރި މޯލްޑިވްސް ރިސޯޓު ހިންގާ ކުންފުންޏެވެ. ނިޔާޒް ސްޓޯރާއި، ޕޭޖް ހާޑްވެއާގެ ފިހަރާތަކާއި ނައިޑްގެ ނަމުގައި ހިންގާ ފިހާރަތަކަކީ ވެސް މި ކުންފުންޏާ ގުޅޭ ވިޔަފާރިތަކެވެ.