ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގުޅިވަޑައިގެން ނެރުއްވި ބަޔާނަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، މިރޭ ވަނީ ތިން ބޭފުޅުން ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފަ އެވެ. އަދި ގާތްގަނޑަކަށް 30 މިނެޓަށް ދެމިގެންދިޔަ ބައްދަލުވުމުގައި ތިން ރައީސުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ އެ ނޫސް ކޮންފަރެންސްގައި ވެސް ނޫސްވެރިންނަށް ސުވާލުކުރަން ޖެހުނީ ތިން ރައީސުން އެދޭ ގޮތަށް ކަމަށެވެ.
އެ ނޫން ގޮތަކަށް ސުވާލު ކުރުމުން އެކަން ހުއްޓުވާފައިވާ ކަމަށާއި އަދި ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ވާހަކައާ ރައީސް އިބޫ އެ މަރުތައް ތަހުގީގު ނުކުރި ވާހަކަ ބުނުމުން ވެސް ގޯސްވި ކަމަށް ފަލާހް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ގާޒީއަކު "ވަގަށް ނަގައިގެން" ޖަލަށްލައި، ކޯޓުތަކުގައި ތަޅުއަޅުވައި އަދި ކޯޓުތައް އަންދާލި ބޭފުޅަކަށް ޝަރުއީ ދާއިރާގެ މިނިވަން ކަމުގެ ވާހަކަ ދެއްކޭނެ ޖާގައެއް ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލުމާއި ކޮރަޕްޝަނާއި ވައްކަންތަކަކީ ފެންނަން އޮތް ހަގީގަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީނާ ގުޅޭގޮތުން ފަލާހް ވިދާޅުވީ ކޯޓުތަކުގެ ޓިނު ނެގުމާއި ފަނޑިޔާރުންނަށް ބިރު ދެއްކުމާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ވަކިކޮށް މަޖިލިސް ހިސޯރުކުރީ ޔާމީންގެ ވެރިކަމުގައި ކަމަށެވެ.
މީގެ އިތުރުން ޔާމީންގެ ގެކޮޅަށް ނުސީދާކޮށް، އިޝާރާތް ކުރައްވައި، ފަލާހްގެ ޕޯސްޓްގައިވަނީ އެގެއަށް ބަލާލުމުން ދައުލަތުން "ވަގަށް ނެގި" ފައިސާގެ ކުޑަ މިންވަރެއް ފެންނާނެ ކަމަށެވެ. އަދި ނޫސްވެރިންގެ އަނގަމަތީގައި ޓޭޕް އަޅައި އަމިއްލަ ބޭބޭފުޅުން ހިމެނޭހެން އެތައް ބަޔަކަށް އަނިޔާކުރި ކަމަށްވެސް ފަލާހް ތުހުމަތު ކުރެއްވި އެވެ.
ކުރީގެ ރައީސް އިބޫގެ ވެރިކަމުގައި ގައުމު 60 ބިލިއަން ރުފިޔާގެ ދަރަނި ދަންތުރައެއްގައި ޖެއްސި ކަމަށާއި އަދި ވައްކަން ކުރުމާއި ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ދިނުމުގެ ނަމުގައި ކުރީ ވައްކަން ކަމަށް ފަލާހްގެ ޕޯސްޓްގައިވެ އެވެ.
ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ވިއްކާލައި، ފޯޅަވަހި ދޫކޮށްލީ ފައިސާއަށް ކަމަށް ބެލެވޭ ކަމަށާއި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުން ވަކިކުރީ ވެސް އިބޫގެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއް. ދެން މި މީހުން ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭނެ މިންވަރު ވިސްނާލައްވާ. އޮތީ ހުސް އަމިއްލަ އެދުން،" އެ ޕޯސްޓްގައި ފަލާހު ވިދާޅުވި އެވެ.
ތިން ރައީސުން ބައްދަލު ކުރައްވައި، ނޫސްވެރިންނާ ހިއްސާކުރި އެ އެއްބަސްވުމުގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ފާޅުގައި އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.
އޭގެ އިތުރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިން ޖަލަށްލުމާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ވެސް ތިން ރައީސުން ސޮއިކުރައްވާފައިވާ އެ ލިޔުމުގައިވެ އެވެ.