ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް މީގެ ހަ އަހަރު ކުރިން އުފެއްްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނީގެ ދަށުން ހިންގި މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެއް މަސައްކަތެއް ކުރާ އިތުރު އެހެން ކުންފުނިތައް އެބަހުރި ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ ހަރަދުތައް އިތުރުވަމުންދާ ކަމަށެވެ.
އެހެންވެ، ހަރުދަނާ ނިޒާމެއްގެ ދަށުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި އާރުޑީސީ އުވާލަން ނިންމެވިކަން އެ މަނިކުފާނު އިއުލާން ކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ކުންފުނި އުވާލައި، އެތަނުން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް ބަދަލުކުރާނީ އެމްޓީސީސީގެ ދަށަށެވެ.
"އާރުޑީސީއަކީ އާންމު ގޮތެއްގައި މަގު ހަދާ ކުންފުންޏެއް. އެމްޓީސީސީއަކީ ވެސް މަގު ހަދާ ކުންފުންޏެއް. އަދި އުމްރާނީ މަސައްކަތް ވެސް ކުރާ ކުންފުންޏެއް. ޑުޕްލިކޭޝަން ވެސް ވަރަށް ގިނަ. ހަރަދު ވަރަށް ގިނަ. އެހެންވީމަ އެފިޝެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށްޓަކާ މި ބަދަލު މި ގެންނަނީ،" ރައީސް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ވެސް މަސައްކަތް ކުރަމުން އަންނަ އާރުޑީސީއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއް ކަމަށް ބުނެ، ކުރީ ސަރުކާރުގައި އެކަމަށް ހާއްސަކޮށް އުފެއްދި ކުންފުންޏެކެވެ.
އެ ކުންފުނިން މި ވަގުތު ވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މަގުތައް ތަރައްގީކޮށް ތާރު އެޅުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދެ އެވެ.