އެމްޓީސީސީން ކުރިއަަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް މަހާޖައްރާފަށް ވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ގަނެފައިވާ ކަމަށާއި އެ އުޅަނދު އަންނަ މާޗު މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ އެ ޑްރެޖަރަކަށް ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި އެ ޑްރެޖަރު ރާއްޖެއަށް ގެނެވުމާ އެކު ބިން ހިއްމުގެ މަސައްކަތް ނުފެށި އޮތް ރަށްތަކުގައި އެ މަސައްކަތް ފަށާނެ އެވެ. 

"އަޅުގަނޑަށް ވެސް ވަރަށް މެސެޖު އާދޭ ތިމަންނަ މެން ރަށުގައި ބިން ހިއްކަން ވައުދުވެފައި ނުކޮށްދެމެއް ނޫންހޭ. ނުކޮށްދެނީކީ ނޫން ނުވެފައި އޮތީ އެ ސަބަބާ ހުރެ. އެހެންވީމަ މިއަންނަ އަހަރު އެ ރަށްތަކުގެ ބިން ހިއްކޭނެ،" ރައީސް ވިދާޅުވި އެވެ. 

ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެމްޓީސީސީގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އާ ޑްރެޖަރެއް ގެންނަން ނިންމާފައިވާއިރު ރައީސް ވިދާޅުވީ ބޮޑު ހިލަ ގެނައުމަށް ވެސް ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް ބޭރު ފައިސާ ހޯދުމުގެ ދޮރުތައް ހުޅުވައިދީފައިވާ ކަމަށެވެ. އެހެންވެ، އެ ކުންފުނިން ބަލްކުކޮށް ބޮޑުހިލަ ގެންނަން ފަށާފައިވާ ކަމަށާއި ދެ ތިން މަހެއްގެ ތެރޭގައި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.