ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައި އެ މަނިިކުފާނަށް ޗިޓް ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަން އެނގިއްޖެ އެވެ.
ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ޔާމީން ފުލުހަށް ހާޒިރުވާން އަންގައި ނެރެފައިވާ ޗިޓަކާ އެކު މިއަދު ފުލުހުން ހ. ދޫވެއްސަށް ދިޔަ ކަން، އެކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު މިރޭ ޔަގީންކޮށްދިނެވެ.
ނަމަވެސް، މިހާތަނަށް އެ ޗިޓް ޔާމީނަށް ރައްދު ކުރެވިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ. އަދި ޔާމީން ފުލުހަށް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅޭ ގޮތުން ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
ޔާމީން ފުލުހަށް ހާޒިރުކުރަން މަސައްކަތް ކުރަމުންދާއިރު ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ އިމާރާތުގައި ޑިސެމްބަރު 2024 ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ޔާމީން ދެއްކެވި ވާހަކަފުޅުގެ ތަހުގީގެއް ފުލުހުން ވަނީ ފަށައިފަ އެވެ. އެކަން ބަލަން ފުލުހުންނަށް އެންގެވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މިނިސްޓަރު އިހުސާންގެ އެ އެންގުން ފުލުހުންނަށް އެންގެވިކަން އިއުލާން ކުރެއްވީ ތިން މިނިސްޓްރީގައި އަލިފާން ރޯކޮށްލީ ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް ވެސް އެނގޭނެ ކަމަށް ޕީއެންއެފްގެ ބައްދަލުވުމެއްގައި ޔާމީން ވިދާޅުވުމުންނެވެ.
މިނިސްޓަރު އިހުސާންގެ ސޯޝަލް މީޑީއާ ޕޯސްޓުގައި ވަނީ، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާ ވެސް ފުލުހުންނަށް އެނގޭ ކަމަށް މުތުލަގުކޮށް ޔާމީން ވިދާޅުވި މައްސަލާގައި ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް ފާހަގަވާ ނަމަ އެކަން ބެލުމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
ޕީއެންއެފްގެ ޖަލްސާގައި ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، ތިން މިނިސްޓްރީގައި ޑިސެމްބަރު 12، 2024 ގެ ހެނދުނު ރޯކޮށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގެ އެވެ. އަދި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ތުހުމަތާ ގުޅިގެން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތަކުގައި ރޯވި މައްސަލައާ ގުޅިގެން އެކުވެރި ގައުމުތަކުގެ މިފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދި ހޯދުމުން އެނގުނީ އެ ހާދިސާ ހިނގާފައި ވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށެވެ.