މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ އޮފީސް އިމާރާތް ހުޅުމާލޭގައި ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން އަޅައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަޅަން ނިންމާފައި ވަނީ 8،064 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީކުރާ ގޮތަށެވެ.

އެ އިމާރާތުގައި އިދާރީ މަސައްކަތަށް ބޭނުންވާ ޖާގައިގެ އިތުރުން ފައިސާ ގެންގުޅުމާއި ބެލެހެއްޓުމަށް ބޭނުންވާ ހާއްސަ ތަންތަނާއި ޓްރެއިނިން އަދި ކޮންފަރެންސް ހޯލެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން، މާލީ އިދާރާތަކަށް ހާއްސަ އޮފީސް ޔުނިޓްތަކެއް ވެސް ހިމެނޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވަނީ ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަމާއި ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމުކުރުމަށް އެކަށީގެންވާ ޖާގައެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މި ޕްރޮޖެކްޓުގެ 85-90 ޕަސެންޓް ފައިނޭންސް ހަމަޖައްސަން ޖެހޭނީ ކޮންޓްރެކްޓަރެވެ. އަދި ޕްރޮޖެކްޓަށް ބޭނުންވާ ބާކީ ފައިސާ ހަމަޖައްސައިދޭނީ އެމްއެންއޭއިންނެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއަށް ހުށަހެޅުމަށް ވެސް އެދިފައިވެ އެވެ.