މިދިޔަ އަހަރުގެ ޖުލައި މަހު މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ފެށި އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ގެ ދަށުން ތިން ބިލިއަން ރުފިޔާ ވައްދައިފި އެވެ.

ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް، އޯއެމްއޯ ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް  ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މިއީ ސަރުކާރުން އެކި ދުވަސްވަރު މަތިން މިގޮތަށް ޗާފުކޮށްފައި ފައިސާގެ އަދަދެވެ.

އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާ ވެސް ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރު އިގްތިސާދުގައި ގާތްގަނޑަކަށް 72 ބިލިއަން ރުފިޔާ ދައުރުވި އެވެ.

ރިޒާވް އިތުރުކޮށް، އެކްސްޗޭންޖް ރޭޓަށް އަންނަ ޕްރެޝާ ކޮންޓްރޯލް ކުރުމުގެ ގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ، އެމްއެމްއޭއިން ވަނީ މަނީ އެކްސްޗޭންޖް ގާނޫނަށް ބަދަލު ގެނެސް، ޓޫރިޒަމް ދާއިރާއިން ވަންނަ ޑޮލަރުގެ ބައެއް ރާއްޖޭގެ ބޭންކްތަކުގައި މާރު ކުރަން މަޖުބޫރުވެސް ކޮށްފަ އެވެ. އެއާ އެކު ރިޒާވަށް ވަންނަ ޑޮލަރު ވެސް އިތުރުކޮށް، ސަރުކާރުން ދައްކަން ޖެހުނު ސުކޫކަށްވާ ފައިސާ ވެސް ދައްކާ ހަލާސްކޮށްފައިވެ އެވެ.

އިގްތިސާދުގައި ދިވެހި ރުފިޔާ ދައުރުވާ ވަރު އިތުރުވަމުން އަންނަ އިރު، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ވަރު މަދުވާ ނަމަ، އެކްސްޗޭންޖަށް އިތުރަށް ޕްރެޝަރު އަންނާނެ އެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ، ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރު އާމްދަނީ ވަނީ ދަށްވާން ފަށައިފަ އެވެ. 

މިހަފްތާގެ ތެރޭގައި ބީއެމްއެލްއިން ވެސް ވަނީ ޑޮލަރު ލިބުން ތާށިވުމުން ކަސްޓަމަރުން ޑޮލަރު ބޭނުން ކުރުމުގެ މިންގަނޑު ހިފެހެއްޓުމަށް އިތުރަށް ފިޔަވަޅުތައް ވެސް އަޅައިފަ އެވެ.