މަރުކަޒީ ބޭންކް އެމްއެމްއޭގެ މި އަހަރުގެ ރިސާޗް ކޮންފަރެންސް "ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި އިގްތިސާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުން" އެ މައުލޫއަށް ހާއްސަކުރަން ނިންމައިފި އެވެ.
އެމްއެމްއޭ އިން މިއަދު ބުނީ އެ އޮތޯރިޓީގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ މަހު ފަސް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ދިރާސާކުރާ ފަރާތްތަކާއި އިލްމީ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވާ އެ ހާއްސަ ކޮންފަރެންސްގައި ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރާއްޖެއިން އިގްތިސާދީ އަދި މާލީ ހަމަޖެހުން ދަމަހައްޓާނެ ގޮތުގެ މަޝްވަރާތައް ކުރާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
"ރިސާޗް ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް އިގްތިސާދީ އަދި މާލީ ހަމަޖެހުން ގެނައުމެވެ،" އެމްއެމްއޭ އިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.
އެމްއެމްއޭ އިން ބުނީ މި އަހަރުގެ ރިސާޗް ކޮންފަރެންސްގައި މަނިޓަރީ ސިޔާސަތާއި ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާއި މާލީ ހަމަޖެހުމާއި އިސްލާމީ މާލީ ނިޒާމާއި ޑިޖިޓަލް ފައިނޭންސާއި އިގްތިސާދު ސިންދަފާތު ކުރުމާއި ޑިޖިޓަލް ފައިނޭންސާއި މޫސުމީ ރިސްކުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ފަދަ އެތައް މައުލޫއަކަށް ވާހަކަތައް އަމާޒުކުރާނެ ކަމަށެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ރިސާޗް ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނާނީ ދިރާސާ ކަރުދާސްތަކުގެ ޕްރެޒެންޓޭޝަންތައް ހުށަހެޅުން ކަމަށާއި އެ ބައި ކުރިއަށް ގެންދާނީ އެމްއެމްއޭގައި ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ކޮންފަރެންސް އެޖެންޑާގެ މައިގަނޑު ކަންތައްތައް ކުރިއަށް ގެންދާނީ ދުސިތުޑީޓޫ ފޭދޫ މޯލްޑިވްސްގައި ކަމަށެވެ.
އެ ކޮންފަރެންސްގެ މަގުސަދަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތަކަށް ހިތްވަރުދިނުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުޑަ ގައުމުތަކަށް އިގްތިސާދީ ގޮތުން ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށެވެ.
އެމްއެމްއޭ އިން އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސެއް ބޭއްވީ 2024 ވަނަ އަހަރު އެވެ. މިއީ މި ކޮންފަރެންސް ބާއްވާ ތިން ވަނަ އަހަރެވެ.