މަރުކަޒީ ބޭންކް އެމްއެމްއޭ އިން ޗާޕްކޮށްގެން ގެނައި އާ ނޫޓުތައް މިއަދު ދައުރުކުރަން ފަށައިފި އެވެ.
އެމްއެމްއޭ އިން ބުނީ 20 ރުފިޔާ އާއި 100 ރުފިޔާގެ އާ ނޫޓުތައް މިއަދު ދައުރުކުރަން ފެށީ އިގުތިސާދީ ހަރަކާތްތައް އިތުރުވުމުން ކަމަށެވެ. މިއަދު ދައުރުކުރަން ފެށީ އެމްއެމްއޭ އިން ބުނި ގޮތުގައި މިމަހުގެ ދެވަނަ ދުވަހު ލިބުނު 100ރ.ގެ ނޫޓުތަކާއި މިދިޔަ ހޯމަ ދުވަހު ލިބުނު 20ރ. ގެ ނޫޓުތަކެވެ.
އެމްއެމްއޭ އިން ބުނީ އާ ނޫޓުތައް ނެރުނީ އިގުތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އެ އޮތޯރިޓީއަށް ލިބޭ ބާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުުރުމަށް ކަމަށެވެ.
އަލަށް ނެރުނު ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އެ ނޫޓުގައިވާ ތާރީހަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ. ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މި ފަހަރު ނެރުނު 20ރ. ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފަ އެވެ. އެއީ އެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމެވެ. ދިވެހި ރުފިޔާގެ ނިޝާން ޖަހާފައި ހުރީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އެވެ.
ޖުލައި 07، 2024 ގެ ތާރީހުގައި އެންމެ ފަހުން ނެރުނު 100ރ. ނޫޓާއި އެއްގޮތަށް 100 ރުފިޔާގެ މި ފަހަރުގެ ޗާޕުގައި ވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެ އެވެ.