ފ. ނިލަންދޫގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އައި އިމާރާތުގެ ސީލިންގް ވެއްޓި، އެ ތަނުގެ ކުދިންނަށް ވަގުތީ ހިޔާވަހިކަން ފޯރުުކޮށްދީފި އެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ރޭގެ 8 ޖަހާކަށްހާއިރު ވާރޭވެހެން ފެށި ގޮތަށް ގަޑިއެއްހާއިރު ވަންދެން ހުއްޓާ ނުލާ އެ ރަށަށް ބޯކޮށް ވާރޭވެހުނު ކަމަށެވެ. 

އަލީ ވިދާޅުވި ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަހައްޓާ އިމާރާތުގެ ސީލިންގް ވެސް އެ ބޯ ވިއްސާރައިގައި ވެއްޓި ކަރަންޓުގެ މައްސަލައެއް ވެސް ދިމާވި އެވެ. 

ހާދިސާ ހިނގިއިރު 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ އެ އިމާރާތުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ 11 އަންހެން ކުދިން ތިއްބެވެ. އެކަމަކު އެ އިން އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުވާ ކަމަށް އަލީ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ހާދިސާއާ ގުޅިގެން ހުރިހާ ކުދިން ބަދަލުކޮށްފައި ވަނީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކަށް ކަމަށެވެ.

"އެ ވާރޭތެރޭގައި ދިމާވި ކަމަކާ ގުޅިގެން ކުޑަކުދިން ތިބޭ އިމާރާތުގެ ސީލިންގް މައްޗަށް ފެން އެޅި ސީލިންގުން ބައެއް ވެއްޓި ކަރަންޓު މައްސަލައެއް ދިމާވެގެން އެ ކުދިންނަށް ނުތިބެވޭ ވަރު ވެގެން އެތާ ތިބި ހުރިހާ ކުދިން އަޅުގަނޑުމެން ވާނީ ރޭގެ ވަގުތެއްގައި ކައުންސިލުގެ އެކޮމޮޑޭޝަން ބްލޮކަށް ބަދަލުކޮށްފައި،" ނިލަންދޫ ކައުންސިލުގެ ރައީސް އަލީ ވިދާޅުވި އެވެ.

"ވަގުތުން، ހާއްސަކޮށް ނިލަންދޫ ހޮސްޕިޓަލާއި ކައުންސިލާއި މިކޮޅުގެ ޕޮލިހާއި އެމްއެންޑީއެފްގެ ބޭފުޅުންގެ އެހީތެރިކަމާ އެކު އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ވަނީ އެކޮމޮޑޭޝަން ބްލޮކަށް ބަދަލުކޮށްފައި."  

ބޯކޮށް ވާރޭވެހި ފ. ނިލަންދޫގައި ހުންނަ އަމާން ހިޔާގެ ސީލިންގު ފޯވެ، ވެއްޓިފައި.--
ބޯކޮށް ވާރޭވެހި ފ. ނިލަންދޫގައި ހުންނަ އަމާން ހިޔާގެ ސީލިންގު ފޯވެ، ވެއްޓިފައި.--

އެ ހާދިސާއާ ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވެސް އެކަމަށް އެޓެންޑްވި އެވެ.