ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެޗްޕީއޭއިން ކުރި އިއުލާނުގައި ވަނީ، ދުންފަތަށް އާއްމުން ހޭލުންތެރިކުރުވަން މާލީ އެހީ ހޯދަން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 24ގެ ނިޔަލަށް އިތުރު މުއްދަތު ދީފަ އެވެ.
އާއްމުން ހޭލުންތެރިކުރުވުމުގެ އެ މަސައްކަތަށް މާލީ އެހީ ދޭ އުސޫލު އާއްމުކުރީ މިދިޔަ މަހުގެ 16ގަ އެވެ. ކޮންސެޕްޓް ނޯޓު ހުށަހަޅަން، އެ އިއުލާނުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް އޭރު ދިނެވެ. ދެން ހުރި ތަފްސީލުތައް ހުށަހަޅަން ޖެހޭނީ ޝޯޓުލިސްޓުވުމަށް ފަހުގަ އެވެ.
އުސޫލުގައިވާ ގޮތުން މާލީ އެހީގެ ގޮތުގައި ކޮންމެ އަހަރަކު ތިން މިލިއަން ރުފިޔާ ދޫކުރާނީ ހުށަހަޅާ ހުށަހެޅުންތައް ވަޒަންކުރުމަށްފަހުގަ އެވެ.
އެހީ ދޭނެ ގިންތިތަކެއް ވެސް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހަމައެކަނި ވަކި މުޖުތަމައުއަކަށް ނުވަތަ ރަށަކަށް އަމާޒުކުރާ ހަރަކާތްތަކުގައި އެހީގެ އެންމެ މަތީ އަދަދަކީ 75،000-100،000ރ. އާ ދެމެދުގެ އަދަދެކެވެ. އަދި ޖުމްލަކޮށް ރާއްޖޭގެ އެންމެނަށް ފައިދާކުރާނެ ގޮތަށް ހަރަކާތް ހިންގާ ނަމަ، 100،000-300،000ރ. އާ ދެމެދުގެ އަދަދެއް ދޫކުރާނެ އެވެ.
އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ މަސައްކަތްކުރާ ނަމަ، 300،000ރ. އާއި 500،000ރ. އާ ދެމެދުގެ އަގެއް އެހީގެ ގޮތުގައި ދޫކުރާނެ އެވެ.
އުސޫލުގައިވާ ގޮތުން ކޮންމެ ހުށަހެޅުމެއްގައި އިދާރީ ހަރަދުގެ ގޮތުގައި ކަނޑައެެޅޭނީ، ހުށަހަޅާ އަދަދުގެ 20 ޕަސެންޓެވެ.
މާލީ އެހީ ދިނުމަށް ހަމަޖެހިފައިވާ ދުންފަތް ކޮންޓްރޯލްކުރުމުގެ ދާއިރާތަައް:
- ދުންފަތުން ރައްކާތެރިވުމާއި ދުންފަތުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުން.
- ދުންފަތުން ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ޒުވާނުން ބައިވެރިކުރުމާއި އެކަމަށް ޒުވާނުން ހޭލުންތެރިކަން އިތުރުކުރުން.
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ދުންފަތުގެ ދުން ނެތް މާހައުލެއް ބިނާކުރުމަށް މުޖުތަމައުގެ ފެންވަރުގައި ވަކާލާތުކުރުން.
- ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ދުންފަތާއި ނިކޮޓިން އެކުލެވޭ އުފެއްދުންތައް ބޭނުންކުރުން ހުއްޓުވުން.
- ގައުމީ ފެންވަރުގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭ އެހެނިހެން ހަރަކާތްތައް.
އެހީއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ ހުރިހާ މަރުހަލާއަކުން ފާސްވާންޖެހެ އެވެ. އަދި ހުށަހެޅުންތައް ވަޒަންކުރުމުގައި ބަލާ މިންގަނޑުން ވަޒަންކުރުމުން ލިބޭ ޖުމްލަ މާކްސް 70 އަށް ވުރެ މަދުވެގެން ނުވެ އެވެ.