ރ. ފުއްގިރީގައި ހުރި އެންޓަނާއެއްގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު އެއިން ވެއްޓި، އޭނާއަށް ބޮޑެތި އަނިޔާތަކެއް މިއަދު ލިބިއްޖެ އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއަދު ހަވީރު 4:00 ހާއިރު އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެންޓަނާގެ މަތިން ވެއްޓި ލިބުނު އަނިޔާތަކުގައި އޭނާގެ ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ވަނީ ރެނދުލައިފަ އެވެ.
އެހެންވެ، އިތުރު ފަރުވާއަށް މާލެއަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އޭނާ މާލެއަށް ފޮނުވޭނެ ސީދާ އިރެއް ސާފެއް ނޫނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ފުއްގިރީގައި ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަމުންދަނިކޮށް މީހަކު ވެއްޓި އަނިޔާވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާ ވެއްޓިފައި ވަނީ 25 ފުޓު މަތިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.